ސަރުކާރުގެ "ހާލު ކިހިނެތް" ޕްރޮގުރާމުގައި 1015 ގެއަކަށް ޒިޔާރަތްކޮށްފި

IMG_4634 (1)-1719980837066

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް" ޕްރޮގްރާމުގެ ދަށުން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި މަހުގެ އެއްވަނަ ދުވަހާ ހަމަޔަށް ހާހަކަށްވުރެ ގިނަ ގެތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

"ހާލު ކިހިނެއް" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަގުސަދުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ތަފާތު ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މާލެ ސަރަހައްދުގައި ފަށާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާބާދުވެފައިވާ ހިޔާ ފްލެޓުތަކުންނެވެ. އަދި އަތޮޅުތަކުގައި މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތައް ގާއިމްކުރެވިފައިވާ ރަށްތަކުގައެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހިޔާ ޓަވަރުތަކުގެ 1015 ގެއަށް ޒިޔާރަތް ކުރެވި އެއްކުރެވުނު މައުލޫމާތުތަކުގެ މައްޗަށް ބަލާއިރު އެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާ ހޯދުމުގައި ހުރި ދަތިކަމުގެ މައްސަލަތައް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އޭގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ދިމާވާ ދަތިކަން ފާހަގަކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

އޭގެ އިތުރުން އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލައާއި، ގިނަ އާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމުން ދިމާވާ ދަތިތަކާއި، އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ވަޒީފާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ދިމާވާ ދަތިތައް ފާހަގަކޮށްލެވޭ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މިނިސްޓްރީގެ "ހާލު ކިހިނެއް" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މިފަދަ މައްސަލަތައް ހައްލުކުރުމަށް އެ މިނިސްޓްރީން ގެންދަނީ ކަމާ ގުޅުންހުރި ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުގެ ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދައި، ވަޒީފާގެ މާހައުލަށް އެކުދިން އަހުލުވެރިކުރުމަށް ތަފާތު އިދާރާތަކާއި ގުޅިގެން މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކޮށްލެވެ އެވެ. އަދި ދައުލަތުގެ ހާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ގެންދަނީ ކަމާގުޅުންހުރި ވުޒާރާތަކާއި އިދާރާތަކާއެކު މަޝްވަރާކުރަމުންނެވެ.

އެގޮތުން ވޭތުވެދިޔަ ހަފްތާގައި އެ ވުޒާރާއިން ވަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

އޭގެ އިތުރުން ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެލަވަންސް ފޯރުކޮށްދިނުމުގެ މަސައްކަތުގެ އިތުރުން ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސްތައް ހޯދުމުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ވެސް މި ޕްރޮގްރާމުގެ ދަށުން ދަނީ ފޯރުކޮށްދެމުން ނެވެ.

ހަމަ އެހެންމެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރެވެމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމިއްލަ ފަރާތްތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުން ވެސް ކެނޑިނޭޅި ލިބެމުންދާކަން ފާހަގަކޮށްލެވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ