ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި ދެ އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ވަކި ވަކިން ފޮނުވި މެސެޖުގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުރަތަމަ ހިނގި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 8:13 ހާއިރު ފަސް ވަނަ ޓަވަރު ކައިރިން ކަމަށެވެ.
އެކްސިޑެންޓް ހިނގީ އެ ޓަވަރު ކައިރިން ކާރަކާއި ސައިކަލެއް ޖެހި ސައިކަލް ކޮންޓްރޯލް ނުވެ ގޮސް އެހެން ކާރެއްގައި ޖެހިގެން ކަމަށާއި، އެ އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ޒުވާނެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެއީ ލައިސެންސް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ދެވަނަ ފިޔަވަހީގައި މިއަދު ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ހެނދުނު 9:45 ހާއިރު އަހިވާގޮފި ކައިރީގައި ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓްގައި ސައިކަލު ދުއްވި ދެ މީހުނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެތަނުން އެއް ސައިކަލު ދުއްވީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ކަމަށް ފުލުހުން ބުންޏެވެ.
އަނެއް ސައިކަލު ދުއްވީ 33 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ މީހާގެ އަތުގައި ލައިސެންސް އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ދެ މައްސަލަ ވެސް ތަހުގީގް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.