ރ. ކިނޮޅަހު ކައުންސިލުން ފުރިހަމަ ކުރީ ލާމަރުކަޒީ ނިޒާމު ވަށައިޖެހިގެން ރައްޔިތުން ބާރުވެރިކުރުމާއި، ރައްޔިތުން ޝާމިލްކޮށްގެންނާއި، އެކުގައި މަސައްކަތްކުރުމުގައި ރީތި މަރުހަލާއެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ މާލޭގައި ދިރިއުޅޭ ކިނޮޅަހުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ކިނޮޅަހު ކައުންސިލުން އިސްނަގައިގެން މާލޭގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި މި ބައްދަލުވުމަކީ އެ ކައުންސިލުގެ ފަރާތުން ކުރައްވާ ކަންތައްތަކާއި ކުރަން ރާވައިފައިވާ ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.
"އަޅުގަނޑަށް މި ބައްދަލުވުން މުހިންމުވީ ނިސްބަތުން އާބާދީ ކުޑަ ރަށެއްގެ މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް މި ފަދަ ބައްދަލުވުމެއް އިންތިޒާމުކުރުން އެއީ މި ފަދަ ލާމަރުކަޒީ ނިޒާމުގެ ވަރަށް ހާއްސަ ސިފައެއް، އަޅުގަނޑު ގަބޫލްކުރާ ގޮތުން މިއަދު ކިނޮޅަހު ކައުންސިލުން ހަގީގަތުގައި މި ފުރިހަމަ ކުރީ ލާމަރުކަޒީ ނިޒާމު ވަށައިޖެހިގެން ރައްޔިތުން ބާރުވެރިކުރުމާއި، ރައްޔިތުން ޝާމިލްކޮށްގެންނާއި، އެކުގައި މަސައްކަތްކުރުމުގައި ރީތި މަރުޙަލާއެއް. އެ ކަމަށް ޓަކައި ކިނޮޅަހު ކައުންސިލްގެ ރައީސަށާއި، ހީވާގި މެންބަރުންނަށާއި، ޑަބުލިޔޫ.ޑީ.ސީގެ މެންބަރުންނަށް ޝުކުރު ދަންނަވަން" އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙާއި ކިނޮޅަހުގެ ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.



