448959334_1141712057123034_2935206718414087493_n

ހުޅުމީދޫގައި ގާއިމްކޮށްފައިވާ ފިޝަރީޒް ކޮމްޕްލެކްސް ބަނދަރުގެ ބޮޑު ބައި ނިމިއްޖެ

ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ސަރަހައްދުގައި ކުރިއަށްދާ "މިފްކޯ ބަނދަރު" ގެ މަސައްކަތުގެ ބޮޑު ބައި ނިންމާލައިފިއެވެ.

ސަރުކާރުގެ ޕީއެސްޕީއައިގެ ދަށުން 2020 ވަނަ އަހަރު ފެށި މި މަޝްރޫއު އެމްޓީސީސީއާއި ހަވާލު ކުރީ 69 މިލިއަން ރުފިޔާ އަށެވެ. އެގޮތުން މި މަޝްރޫއުގެ ފޭސް 1 ގައި ހިމެނެނީ ނެރު ކެނޑުމާއި 90 މީޓަރުގެ އެލޯންގ ސައިޑް ޖެޓީއެއް ހެދުމެވެ. މި މަޝްރޫއާ ގުޅޭގޮތުން އޭއެފްސީގެ ރީޖަނަލް މެނޭޖަރު އަހުމަދު ޝާހިދު ވިދާޅުވީ އޭއެފްސީ އެކްސްޕޯޓް ޖެޓީ ޑްރެޖްކުރެވިފައިވަނީ ބޮޑެތި ބޯޓު ފަހަރަށްވެސް ކައިރި ކުރެވޭގޮތަށެވެ.

ނަމަވެސް ޖެޓީގެ މަސައްކަތް ނުނިމި ލަސްވެފައި މިވަނީ ޖެޓީއަށް ވަންނަ މަގު ނުކޮނެވި އޮތީމައެވެ. މިހާރު ޖެޓީމަތީގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ޕޭވް ކުރުމާއި ލައިޓްޖެހުމާއި ފްރީޒިންގ ކޮންޓެއިނަރ ބޭސްމަންޓް އެޅުން ހިމެނޭކަމަށާއި މިމަސައްކަތްތައް ނިމުމުން އެމް.އެސް.އެސް ގެ ބޯޓު ޖެޓީއަށް ވައްދައިގެން ކޮންޓެއިނަރު ލޯޑުކޮށްގެން މަސް ބޭރުކުރުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"ޖެޓީގެ ހުރިހާ މަސައްކަތެއްކޮށް ނިންމުމުން މިފްކޯގެ މަދަރ ވެސެލްތަކަށްވެސް ފަސޭހަކަމާއެކު ވަދެ މަސް ލޯޑު ކުރުމާއި އަންލޯޑުކުރުމުގެ ޕްރޮސެސް ބަރާބަރަށް ކުރެވޭނެ." ޝާހިދު ވިދާޅުވިއެވެ.

މިފްކޯ ބަނދަރުގެ މަސައްކަތުގެ އިތުރު ތަފްސީލް ހާމަކުރައްވަމުން އޭއެފްސީގެ އޮޕަރޭޝަންސް ހިންގުމާއި ހަވާލުވެ ހުންނެވި އެސިސްޓެންޓް މެނޭޖަރ އަލީ ޝިޔާޒު ވިދާޅުވީ އެ ސައިޓަކީ މަސްވެރިންގެ އަތުން މަސްގަނެ މަސް ފިނިކުރުމަށްފަހު މަސްއެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރާ ސެންޓަރަކަށްވެފައި، އޭއެފްސީގެ އެކްސްޕޯޓު ޖެޓީ ނުނިމި އޮތުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

"މިޖެޓީ ނިމިއްޖެނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އަޅުގަނޑުމެންނަށް ލިބޭ މަސް އަޅުގަނޑުމެންގެ ޖެޓީއިން ސީދާ އެކްސްޕޯޓު ކޮށްލެވިދާނެ." ޝިޔާޒު ވިދާޅުވިއެވެ.

މި މަޝްރޫއުގެ 85 އިން ސައްތަ މަސައްކަތް ނިމިފައިވާއިރު، އެމްޓީސީސީން ބުނީ ނުނިމި ހުރި ޗެނަލް ޑްރެޖިންގ ގެ މަސައްކަތް ހުއްޓިފައިވަނީ އެކުންފުނިން ކުރާ ހުރިހާ ޑްރެޖިންގ ގެ މަސައްކަތްތައް 1 މަސް ދުވަހަށް ސަސްޕެންޑްކުރުމާ ގުޅިގެން ކަމުގައެވެ.

ނަމަވެސް މި ސަސްޕެންޝަން މިދިޔަ ޖޫން މަހު މެދުތެރޭގައި އުވާލުމާ ގުޅުގެން އެމްޓީސީސީގެ ޑްރެޖަރު އައްޑޫގެ ސައިޓަށް ގެނެސް އަލުން މަސައްކަތް ފެށުމުގެ މަޝްވަރާތައް ކުރަމުންދާކަމަށެވެ. މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލުމަށް މިފްކޯގެ މެނޭޖުމެންޓުން މިހާރު ވަނީ އެމްޓީސީސީގެ ކިބައިން އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!