ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދު ކުރުމަކީ ދައުލަތުގެ ހަރަދު ކުޑަކުރަން މުހިންމު ކަމެއް ކަމަށާއި މަޖިލީހުގެ މެމްބަރުންގެ ދެން އަންނަ ދައުރަކަށް މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް މަދު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހައުސްގައި މިހާރު ކުރިއަށްދާ ޖަލްސާގައި ރައީސް ވިދާޅުވީ، ކޮންމެ ދައުރަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އައުމަކީ މާނައެއް ހުރި ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރުގެ އަދަދު ކުޑަކުރާއިރު މާ ކުޑަކުރުމަކީވެސް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ 17 ވަނަ މަޖިލީހުގައި ތިބި އަދަދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ 77 މެމްބަރުންނެވެ.
"77 މެމްބަރުންނަށް މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކޮށް ހަމަޖެއްސުން އެންމެ ރަނގަޅީ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި ހޮވާ މަޖިލީހަކީ 93 އަށްވުރެ ބޮޑުވެގެންދާ އަދަކަށްވުރެ 77 އަށް ނުވަތަ އެހާ ހިސާބަށް ހަމަޖެހޭ ވަރުގެ އަދަދަކަށް ކުޑަކޮށް އެއަށްވުރެ ބޮޑު ނުވާ ގޮތަށް ގާނޫނަށް ހުށަހަޅާނަން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިރޭގެ ޖަލްސާގައި ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.


