GSDlCosbYAAimHN

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ފުޅާކުރުމާ ގުޅޭގޮތުން އެފްއޭއޯއާއެކު މަޝްވަރާކޮށްފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ވެހޭ ވަޒީރު އަހުމަދު ޝިޔާމް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން، އެފްއޭއޯގެ އެސިސްޓެންޓު ޑިރެކްޓަރ ޖެނެރަލް މަނުއަލް ބަރާޖާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިޓަލީވިލާތުގެ ރޯމުގައި ކުރިއަށްދާ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ، ކޮމިޓީ އޮން ފިޝަރީޒްގެ 36 ވަނަ ސެޝަނުގެ ހަވާސާގައެވެ.

މެނުއަލް އާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަޒީރު ޝީޔާމުވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރި ކަނދުފަތިތައް ފަރުމާކުރުމުގައި އެފްއޭއޯއިން ވެދިން އެހީތެރިކަން ފާހަގަކޮށްފައެވެ. އަދި މިހާރު ކަނދުފަތިތަކުގެ ފެންވަރު ރަނގަޅުކޮށް ގިނަ ދުވަހު ބޭނުންކުރެވޭނެ ގޮތްތައް ހޯދުމަށް އެފްއޯއާއި އެ ވުޒާރާ ގުޅިގެން ކުރަމުންދާ މަސައްކަތްތައްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން ރާއްޖޭގައި މެރިކަލްޗަރގެ ސިނާއަތް ފުޅާކުރުމުގައި އެފްއޭއޯއިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ވަޒީރު ޝިޔާމުވަނީ ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ފުޅާކުރުމަށްޓަކައި މިއަހަރުގެ ފަހުކޮޅު މަޝްރޫޢެއް ފެށުމަށް ރާވަމުންދާކަމަށް ވިދާޅުވެފައެވެ.

ވަޒީރު ވަނީ ކަނޑުގެ ވަސީލަތްތަކުން ދެމެހެއްޓެނިވި ގޮތަކަށް ފައިދާ ލިބޭނެ މަގު ފަހިކުރުމަށްޓަކައި އެކުލަވާލާ ބިލަށް އެފްއޭއޯއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުވުމުގައި މެނުއަލްވަނީ އިންޑިއާ ކަނޑުގައި ރާއްޖޭގެ މަސްވެރިކަމަކީ މުހިއްމު ދައުރެއް އަދާކުރާ މަސްވެރިކަމެއްކަން ފާހަގަކޮށްފައެވެ. އަދި ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އެ ޖަމިއްޔާއިން ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް މިމަހުގެ 7 އިން އިން 13 އަށް އިޓަލީވިލާތައް ކުރައްވާ މި ދަތުރުފުޅަކީ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން ކޮމިޓީ އޮން ފިޝަރީޒްގެ 36 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ސެޝަނުގައި ހަވާސާގެ ތެރެއިން ޝިޔާމް ވަނީ އެފްއޭއޯގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މަރިއާ ހެލެނާ ސެމެޑޯ އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗަރ ސިނާޢާތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އެފްއޭއޯގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލާ ހިއްސާކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!