Picture 1

އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ސަބަބުން، ވީއައިއޭއަށް ވިޔަފާރީގެ އައު ފުރުސަތުތައް ލިބިގެންދާނެ!

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އުމްރާނީގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ ދަނޑިވަޅެއްގައި އެއަރ ސާރވިސް ވޯލްޑް ކޮންގްރެސް ފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމަކީ އެއަރޕޯޓުގެ ތަރައްގީއަށާއި، ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާނެ މުހިއްމު ފުރުސަތެއްކަމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެއަރ ސާރވިސް ވޯލްޑް ކޮންގްރެސްގައި ބައިވެރިވަޑައިގަންނަވާ މަންދޫބުންނަށް މަރުހަބާ ދެންނެވުމަށް ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓު އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ތަރައްގީގެ ކުރިއެރުން އަންނަ މިފަދަ ދަނޑިވަޅެއްގައި މި ކޮންގްރެސް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ ކުރިއަށްގެންދިއުމަށް އާ ފުރުސަތުތަކަށް މަގުފަހިވެގެންދާނެކަމެއް ކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން އުފެދިގެންދާ ގުޅުންތަކުގެ ސަބަަބުން، ވިޔާފާރީގެ ފުރުސަތުތައް ހޯދުމަށް މަގުފަހި ވެގެންދާނެކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

"ރާއްޖެ މިއޮތީ އިގްތިސާދު އާ ހަރުފަތަކަށް ގެންދިއުމުގެ މަގުމަތީގަައި. ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާ އާއި އެއް ހަމައެއްގައި ހިދުމަތް ދެވޭތަނަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހެދުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން." ޝަރީފް ވިދާޅުވިއެވެ.

އަދި މިފަދަ ދަނޑިވަޅެއްގައި އެއަރ ސާރވިސް ވޯލްޑް ކޮންގްރެސް ފަދަ ބައިނަލް އަގުވާމީ ބޮޑު އިންވެންޓެއް ބޭއްވުމުގެ މުހިއްމުކަން ޝަރީފް ވަނީ ފާހަގަކުރައްވާފަ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން މުޙައްމަދު އަމީން ވިދާޅުވީ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތާއި ގުޅޭ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް އެބަހުރިކަމަށެވެ. އަދި މިފަދަ ކޮންގްރެސްތަކުގައި ކުރާ މަޝްވަރާތަކަކީ ރާއްޖޭގެ އިޤްތިސާދު ތަރައްގީކޮށް، ކުރިއެރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމެއް ކަމަށެވެ. މިއާއިއެކު އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއިން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ފުރިހަމަ އަށް ހިފުމަށް ބައިވެރިންނަށް ގޮވާލެއްވެވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓުއަރިޒަމް އިބްރާހީމް ފައިސަލްއާއި މިސިނާއަތުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަހަރުގެ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ރާއްޖޭގައި ބާއްވާއިރު، ޖުމްލަ 27 އެއަރލައިން އަދި 17 އެއަރޕޯޓާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއާއި އެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާއި ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެންގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދާނެ އެވެ. މިއާއިއެކު މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެއެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!