މިދުވަސްވަރު ކަނޑުމަސް ލިބޭ ވަރު މަދުވެ، ހިރިލަންދޫއަށް މަސް ކިލޯއެއް ގަންނަ އަގު 22ރ އަށް އުފުލިއްޖެއެވެ.
ތ. ހިރިލަންދޫއަކީ ރާއްޖެއިން މަސްވެރިކަމަށް ފާހަގަކޮށްލެވޭ ރަށެކެވެ. މަސްދޯނިފަހަރު ގިނަ ރަށެކެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް މަސްކައްކާ ހިއްކާ އެއް ރަށެވެ. އެންމެ ގިނައިން މަސްދޯނިފަހަރު ބަންނަ އެއް ރަށެވެ. ރަށުގެ އެއްކޮޅު ވަނީ މިކަމަށް ޚާއްޞަކޮށްފައެވެ.
އެރަށުގައި 15 ވަރަކަށް މަސް ކައްކާ ތަން ހިންގާއިރު، ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ މަސް އެތަންތަނުން ގަނެއެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނީ 21ރ އަދި 22ރ އަށް އެރަށުން މިދުވަސްކޮޅު މަސް ގަންނަ ކަމަށެވެ. އަދި އެރަށަށް ދުވާލަކު 40 ޓަނުގެ މަސް ގަންނަ ކަމަށެވެ.
އަދި މިދުވަސްވަރު މާލޭގައި ވެކިއުމް މަހުގެ އަގު 110ރ އަށް އުފުލިފައިވާއިރު މަސް ގަންނަ އަގު ބޮޑުވެފައިވާކަމަށެވެ.
މިހާރު އެރަށަށް މަސް ލިބެނީ ވަރަށް މަދުން ކަމަށާއި މިދިޔަ ހަފްތާގެތެރޭގައި އެރަށަށް ލިބިފައިވަނީ 8 ޓަނުގެ މަސް ކަމަށް އޭނާ ބުންޏެވެ.
ހިރިލަންދޫއަށް 22ރ އަށް މަސް ކިލޯއެއް ގަންނަމުންދާއިރު މިފްކޯއަށް މަސް ގަންނަމުންދަނީ ކިލޯއެއް 16ރ އަށެވެ. އެހެންކަމުން ހިރިލަންދޫއަށް މަސް ގަންނަމުން މިދަނީ މިފްކޯއަށްވުރެއްވެސް އަގުބޮޑުކޮންނެވެ.