ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ރާއްޖޭގެ ގަނޑުކުރި މަސް އެކްސްޕޯޓުކުުރުމުގެ ފުރުސަތު މިހާރު ފަހިވެފައިވާކަމަށް ގައުމީ ޝިޕިންގް ކުންފުނި، އެމްއެސްއެސްއިން ބުނެފިއެވެ.
ދިވެހި މަހުގެ އުފެއްދުންތަކަށް އިތުރު މާކެޓުތައް ހޯދުމަށް މިފްކޯ އާއި އެމްއެސްއެސް ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވައި، އެމްއެސްއެސްގެ
ޗީފް ކޮމާޝިއަލް އޮފިސަރު ތަހާ މުހައްމަދު ވިދާޅުވީ މިފްކޯގެ މަސް އަދި ރާއްޖޭއިން މަސް އެކްސްޕޯޓުކުރާ އެހެން ފަރާތްތަކުގެ މަސް ޔޫރަޕްގެ ގައުމުތަކަށް އެކްސްޕޯޓުކޮށްދޭ ކަމަށެވެ.
ތަހާ ވިދާޅުވީ، އެމްއެމްއެސްގެ އަމިއްލަ ބޯޓެއްކަމަށްވާ އެމްއެސްއެސް ގްރެފީން ރާއްޖެ ގެނެވުމުން، އަމިއްލަ ކޮންޓެއިނަރުގައި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް މަސް އެކްސްޕޯޓުކުރުމުގެ ފުރުސަތު ލިިބިގެންދާނެކަމަށެވެ.
"އެމްއެސްއެސްގެ އަމިއްލަ ކޮންޓެއިނަރު ބޭނުންކޮށްގެން މިމަހުގެ ތެރޭގައި ހުޅަނގު އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކަށް ގަނޑުކުރި މަސް އެކްސްޕޯޓުކުރެވޭނެ" ތަހާ ވިދާޅުވިއެވެ.
ތަހާ ވިދާޅުވީ މިފްކޯގެ ދަޅުމަހާއި އެކި ބާވަތްތަކުގެ މަހުގެ އުފެއްދުންތައްވެސް ޔޫރަޕްގެ ގައުމުތަކަށް އެކްސްޕޯޓުކޮށްދެމުންދާ ކަމަށެވެ.
އެމްއެސްއެސްގެ ފްލީޓުގައި 5 ބޯޓު އޮވެއެވެ. އެކުންފުނިން މިހާރު ދަތުރުތައް ކުރަނީ ކޮލޮމްބޯއިން މާލެއަށް އަދި ދުބާއީން މާލެއަށެވެ.