މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ގއ. ކޮލަމާފުށީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މިވަގުތު ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.އަދި ރެސްކިއު ޑައިވަރ ޕްރޮގްރާމްގެ އިތުރު ޕްރޮގްރާމްތައް ހިންގަން ބަޖެޓް ކުރާނެކަމަށާއި ފުރަތަމަ ދެ އަހަރުގެ ތެރޭގައި މަސްވެރިން ތަމްރީނުކޮށް ނިންމުމަކީ ވަރަށް ބޮޑު އަމާޒެއްކަން ވަޒީރު ހިއްސާ ކުރެއްވިއެވެ.
ކޮލަމާފުށީ ކައުންސިލުން ވަދު ކަދުފަތި ނޭޅި ލަސްވާތީވެ އެކަން އަވަސް ކޮށްދެއްވުމަށް އެދިލެއްވިއެވެ. އަދި އައިސްޕްލާންޓް މިވަގުތު އޮޕަރޭޝަންގައި ނެތުމުން މަސްވެރިންނަށް އުދަގޫވާކަމާއި އައިސް ޕްލާންޓް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބޭނުންވާކަމާއި ބަދަރު ބޮޑުކުރަން އެކަން ކުރުމަކީ ވަރަށް އަވަހަށް ކުރަންޖެހޭކަމެއްކަން ފާހަގަކުރެއްވިއެވެ.
ކައުންސިލުން އިތުރަށް ފާހަގަކުރެއްވީ އައިސް ޕްލާންޓުން މީގެ ކުރިން ފަރުމަސް ގަންނަމުން ދިޔަކަމާއި މިފްކޯގެ ފިހާރައިގައި ވިއްކަމުން ދިޔަ ދިއުން ހުއްޓުމަކީ ފަރުމަސްވެރިންނަށް ގެއްލުންވިކަމެއް ކަމަށާއި އެކަން އަލުން ފެށުމަށް މިފްކޯއާ މަޝްވަރާކޮށްދެއްވުމަށެވެ.
މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ކައުންސިލުން ހުށަހެޅި ކަންބޮޑުވުންތަކަށް އަޑުއަހައި، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.