މަސްވެރިކަމާއި ގުޅޭ

Kawakawa tuna - Photo: Tridge

ލައްޓި

ލައްޓިއަކީ ކަނޑުމަހުގެ ބާވަތެކެވެ.

މިއީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައްޔާއި، އަތޮޅުންބޭރު މާކަނޑުގައި އައިން ހަދައިގެން ދަތުރުކޮށް އުޅޭ މަހެކެވެ. އެންކެއުމަށް ފަރުފަރުގެ ވަރަށް ކައިރިއަށް ލައްޓި އައިސްއުޅެއެވެ. މިއީ ދިވެހި ކަނޑުމަސްވެރިކަމުގައި ދިރޭއެން އުކައިގެން ދޮށީގައްޔާއި ވަދުމަސްވެރިކަމުގައި ވަރަށް ގިނައިން ބާނާ މަހެކެވެ. ލައްޓިއަކީ ޢާންމުކޮށް ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެކެވެ. ލައްޓި އެންމެ ބޮޑުވަނީ ގާތްގަނޑަކަށް 1 މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ދެކޮތަރިބައި ނުގުޅި ހުންނަނީ ވަރަށް ކުޑަކުޑަ ތަންކޮޅެކެވެ. މަހުގެ މަތީބައިގައި ގަދަ ނޫކުލައިގެ ފުޅާރޮނގުތަކެއް ކަތިކޮށް ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަނޫކުލައެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ކަންފަތްގަޑާދިމާލުން ބަނޑުދަށުގައި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ. މިލައްތައް ފާޅުކޮށް ފެންނަންހުރުމާއި، ލައްތަކުގެ ޢަދަދު މިބާވަތުގެ އެކިމަސްމަހުގައި ތަފާތެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 11 އާއި 14 އާ ދެމެދުގެ ޢަދަދަކަށް ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގެ ފަހަތުގައި ވަކިވަކިން ހުންނަ ކުދި ކޮތަރިބައިތަކެއް ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގެ ފަހަތުގައިވެސް ވަކިވަކިން ހުންނަ ކުދި ކޮތަރިބައިތަކެއް ހުރެއެވެ. މަހުގެ ޢާންމު ކާނާއަކީ ކުދިމަހާއި، ކަކުނިފާޑުގެ ސޫތްޕާއި، ޑިނގާގެ ބާވަތްތަކެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Kawakawa

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!