އެމްއެމްއޭގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަން ކޮށްފި އެވެ.
މުނައްވަރަށް މަގާމުގެ ފަތްކޮޅު އެރުއްވީ މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ފަތްކޮޅު އެރުއްވުމަށްފަހު މުނައްވަރާއެކުގައި ރައީސް ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ، ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ބާރުއަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި މުނައްވަރު ވަނީ ގައުމުގެ އިގްތިސޯދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން މުނައްވަރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގަ އެވެ.
މުނައްވަރު ގަވަރުނަރުގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ހާޝިމް، މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރާ ކަމަށް ބުނެ މަޖިލީހުން އޭނާ ވަކިކުރުމަށްފަހު އެވެ.