މަސްވެރިކަމާއި ގުޅޭ

Picture 1

ޗައިނާގެ ޝިއާމެން އެއާލައިންސް އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފި

ޗައިނާގެ ޝިއާމެން އެއާލައިންސްއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.

ޝިއާމެން އެއާލައިންސްގެ ފުރަތަމަ ޝެޑިއުލް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ އިއްޔެ ހަވީރުއެވެ.

ޝިއާމެން އެއާލައިންސްގެ ޝެޑިއުލްޑް ފްލައިޓްތައް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފެށުން ފާހަގަކުރައްވާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މީގެ ކުރިން ޗާޓަރުކޮށް ދަތުރު ކުރަމުން އައި މި އެއާލައިނުން ޝެޑިއުލް ދަތުރުތައް ފެށުމަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް އެމް.އޭ.ސީ.އެލްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

މިއީ މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ޚާސިލްކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށްވެސް ސީ.އީ.އޯ ވިދާޅުވިއެވެ.

ޝިއާމެން އެއާލައިންސް އިން ރާއްޖެއަށް ހަފްތާއަކު ތިން ޝެޑިއުލް ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބީ737-800 މަރުކާގެ 169 ސީޓުގެ ފްލައިޓެވެ. މި އެއާލައިން އިން ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު، މި އަހަރުގެ ފެބުރުއަރީ އިން ފެށިގެން ޗާޓަރު ދަތުރުތައް ކުރިއެވެ.

ޗައިނާގެ ހަތަރު އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއާލައިންސް، ޗޮންޗިން އެއާލައިންސް އަދި ޗައިނާ އީސްޓާންއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!