މިއަދު ދިމާވި މައްސަލައަކާ ގުޅިގެން ބައެއް އެކައުންޓުތަކަށް ޖަމާވާން ނުޖެހޭ ވަރަަށް ޑޮލަރު ޖަމާވި ކަމަށާއި އެ މައްސަލަ ހައްލުކޮށް ފައިސާ އަނބުރާ ނަގާފައިވާ ކަމަށް ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްއިން ބުނެފިއެވެ،
ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންގެ މުސާރައަށް 77 މިލިއަން ޑޮލަރު ޖަމާވި މައްސަލަތަކެއް މިއަދު ވަނީ ފެންމަތިވެފަ އެވެ. އެ މުވައްޒަފުންގެ މުސާރައަށް ޖަމާވެފައި ހުރީ އެކައުންޓު ނަންބަރުގެ އަދަދަށް ވާ ޑޮލަރެވެ.
އެކަން ކުރިމަތިވިތާ އިރުކޮޅެއްގެ ތެރޭގައި ބީއެމްއެލުން ވަނީ އިންޓަނެޓް ބޭންކިންގެ ހިދުމަތް މެދުކަނޑާލައި ޑޮލަރުތައް ރިކަވާކުރުމުގެ މަސައްކަތް ފަށައިފައެވެ.
ބީއެމްއެލުން އެކްސްގައި ބުނީ، ނުބައިކޮށް ފައިސާ ޖަމާވި އެކައުންޓުތައް ދެނެގަނެ ފައިސާ ހޯދާފައިވާ ކަމަށާއި މި މައްސަލާގައި އެ ބޭންކަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.
ބީއެމްއެލުން ބުނީ، މިކަން މެދުވެރިވީ ޕޭރޯލް ހެދުމުގައި ގެންގުޅުނު ބަލްކް ޕޭމެންޓް ސިސްޓަމަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށެވެ.