ކ. ބޮޑުހިތި ތިލަ އާއި ކ. އޮއްކޮބޭ ތިލަ އަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށް މިއަދު ކަނޑައަޅައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ދެ ތިލަ ހިމާޔަތްކުރަން ނިންމީ އެ މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށާއި އެ ސަރަހައްދު ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދަށް ކަމަށެވެ.
ބޮޑުހިތި ތިލަ ސަރަހައްދަކީ މާލެ އަތޮޅުގެ ހުޅަނގު ފަރާތުގައިވާ ސަރަހައްދެކެވެ. އެ ތިލައަކީ ކ. ރަސްފަރި އާއި ކ. އުލާނީ ފަޅާއި ދޭތެރޭގައިވާ ކަނޑުއޮޅި މެދުގައިވާ ތިލައެކެވެ. އެ ތިލައަކީ ގުދުރަތީގޮތުން މުއްސަނދި ތިލައެކެވެ.
އެ ސަރަހައްދަކީ އިރުވައި މޫސުމުގައި ގިނަ އަދަދެއްގެ އެންމަޑި ސާފުވުމަށް އެއް ވެއުޅޭ ސަރަހައްދެކެވެ. އަދި އެއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްވެސް މެއެވެ.
އޮއްކޮބޭ ތިލައަކީ މާލެ އަތޮޅުގެ އިރުމަތީފަރާތުގައި އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ހޮހަޅަ އާއި "އޯވާހޭންގްސް" ހެދިފައިވާ ދިރޭ މުރަކައިގެ އިންސައްތަ ބޮޑު ސަރަހައްދެކެވެ. އެގޮތުން އެކި ބާވަތްތަކުގެ ފަރުމަހާއި، މުރަކަ، ގައު އަދި އެކި ކުލަކުލައިގެ "ސޮފްޓް ކޮރަލް" އެ ސަރަހައްދުގައި ގިނަ އަދަދަކަށް ފެނިފައިވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެ ސަރަހައްދުން 73 ބާވަތެއްގެ މަސް ދިރިއުޅެ އެވެ.
މީގެ އިތުރުން ނެތި ދިއުމުގެ ބިރު ހީވެފައިވާ އޮޅުފަތި މިޔަރު، މާހުޅުނބު ލަނޑާ އަދި ކަހަނބު އެ ސަރަހައްދުން ފެންނަ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.