ޒަމާނީ ވަސީލަތްތަކާއެކު ހިންގުން ހަރުދަނާ ކުންފުންޏަކަށް ބައްޓަން ކުރުމުގައި އެކުންފުނީގެ ބޯޑުގެ ދައުރު ފުރިހަމައަށް އަދާކޮށްދެއްވާނެ ކަމަށް މިފްކޯގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ މިމަހުގެ 7 އިން 8 އަށް ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ކުރިއަށް ދިޔަ، "މިފްކޯ އިފިޝެންސީ އެކްސަސައިޒް" ނިންމުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ރިފޯމް އެޖެންޑާ ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އެފަދަ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ރިފޯމް މަސައްކަތެއް މިފްކޯގެ މެނޭޖުމެންޓުން މިހާތަނަށް ކުރުމަކީ އިސްރާފު ކުޑަކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމުގައެވެ. އަދި ވަކިން ހާއްސަކޮށް މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެކަން ފާހަގަކުރެއްވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއްކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
"މުވައްޒަފުންނަށާއި ކުންފުންޏަށް އޮތް އެންމެ ރަނގަޅު ގޮތް ހޯދައިދިނުމުގައި އަޅުގަނޑު މިހުރީ ސަރުކާރާއި ގުޅިގެން ބޯޑު ލެވެލްގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށް. އިރާދަކުރެއްވިއްޔާ ބޯޑުގެ ނިންމުންތައް ބިނާވާނީ ކުންފުނީގެ ކުރިމަގަށް ވަރަށް ބޮޑަށް ވިސްނާފަ. އެއީ މުޅި ބޯޑުގެވެސް ވިސްނުން." ޝަރީފް ވިދާޅުވިއެވެ.
ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި މެނޭޖުމެންޓަށް އިތުބާރު އެބައޮތް ކަމަށާއި، ހިންގުމުގެ ތެރެއަށް ދަތިވާ ކަން ކަން ހައްލުކުރުމަށް ބޯޑު ލެވެލްގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި، ކުންފުންޏަށް އެންމެ ލާބަހުރި ގޮތްތަކަށް ބޯޑު މެންބަރުންގެ މެދުގައި އަބަދުވެސް މަޝްވަރާ ކުރެެވެމުންދާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ މިފަދަ މަހާސިންތާ ތަކުގެ ސަބަބުން ކަންކަން އޮންނަ ގޮތާއި، ކަން ހިނގަމުން އަންނަގޮތް ސާފުވެގެންދާ ކަމުގައެވެ. އަދި އެކަމަކަށް އޮންނަ އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރުމަށް މަޝްވަރާކޮށް، އެންމެ ފަހުގެ އިސްތިރާޖީ ވިސްނުންތައް ކުރިއަށް ނެރެގެން ދެމެހެއްޓެނިވިކަމާއެކު، ޒަމާނީ އައު ގޮތްތައް ހޯދައިގެން ހިދުމަތް ދިނުމަށް ފަސޭހަވެގެންދާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވިގޮތުގައި މި އެކްސަސައިޒްގެ ތެރެއިން ހިއުމަން ރިސޯސަސް މެނޭޖުމަންޓާއި، ޓެކްނިކަލް އަދި އިންޖިނިއަރިންގ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ހަރުދަނާކުރަންޖެހޭ ގިނަ ކަންކަން އަދިވެސް އެބަހުއްޓެވެ. މީގެ އިތުރުން އައު މާކެޓްތައް ހޯދުމުގައި މެނޭޖުމެންޓުން ކުރާ މަސައްކަތުގައި ޕޮލިސީ ލެވެލްގައިވެސް ގިނަ ނިންމުންތަކެއް ނިންމަންޖެހޭކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފްގެ ވާހަކަފުޅު ނިންމަވައިލެއްވީ މިފްކޯގެ މެނޭޖުމެންޓާއި ހީވާގި މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވަމުންނެވެ.