މަސްވެރިކަމާއި ގުޅޭ

GWm1_-bXsAAw4_W

މާކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާގުޅޭ އދ.ގެ މުޢާހަދާގައި ރާއްޖެއިން ސޮއިކޮށްފި

މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުޢާހަދާ (ބީ.ބީ.އެން.ޖޭ. މުޢާހަދާ) ގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.

"ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" މުޢާހަދާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދެވެ. ރާއްޖެއަކީ މި މުޢާހަދާގައި ސޮއިކުރި 92 ވަނަ ޤައުމެވެ.

މި މުޢާހަދާއަކީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތެވެ. ކަނޑުގެ ސަރަޙައްދު ޙިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުވާ މިފަދަ މުޢާހަދާއެއްގައި ރާއްޖެ ކަހަލަ ޖަޒީރާ ޤައުމަކުން ބައިވެރިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މުޢާހަދާގައި ރާއްޖެއިން ސޮއިކުރުމާ ގުޅިގެން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ، ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކުން މިފަދަ މުޢާހަދާއެއްގައި ބައިވެރިވުމަކީ، ތާރީޚީ ގޮތުންވެސް ފާހަގަކުރެވޭ މުހިންމު ކާމިޔާބީއެއް ކަމުގައެވެ.

އދ. ގެ ކަނޑުގެ ޤާނޫނާބެހޭ މުޢާހަދާގެ ދަށުން، ޤައުމީ އިޚްތިޞާޞުން ބޭރުގެ ސަރަޙައްދުތަކުގައިވާ ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާބެހޭ މުޢާހަދާ ނުވަތަ ބީބީއެންޖޭ މުޢާހަދާ ފާސްކޮށްފައިވަނީ 19 ޖޫން 2023 ގައެވެ. މި މުޢާހަދާ ފާސްކުރީ އދ. ގެ ބެލުމުގެ ދަށުން ބޭއްވުނު، ޤައުމީ އިޚްތިޞާޞުން ބޭރުގެ ސަރަޙައްދުތަކުގެ ކަނޑުގެ ދިރުންތަކާބެހޭ ސަރުކާރުތަކުގެ މެދުގައި ބޭއްވުނު ބައްދަލުވުމުގައެވެ.

20 ސެޕްޓެމްބަރު 2025 ގެ ނިޔަލަށް ހުރިހާ ޤައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުޢާހަދާއަށް އަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން މި މުޢާހަދާ ތަސްދީޤުކުރިތާ 120 ދުވަސް ފަހުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!