ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފަށައިފިއެވެ.
މިއީ ދިވެހިރާއްޖޭގައި މުޅިން އާ ސިނާއަތްތައް ތަރައްގީކުރަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފަށާފައިވާ ޚިދުމަތެކެވެ.
ރާއްޖެ ހުރަސްކޮށް އުތުރުން ދަތުރުކުރާ ބައިނަލްއަގުވާމީ އާގު ބޯޓްފަހަރުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދޭ ބަންކަރިންގެ ހިދުމަތް ފައްޓަވައި ދެއްވީ މިއަދު [އެ ސަރަހައްދުގައި] ބޭއްވި ރަސްމިއްޔާތެއްގައި ތިލަދުންމަތީ އުތުރުބުރިޔަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނެވެ. އެ ހަފްލާގައި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދާއި ސަރުކާރުގެ އެހެން އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރަށް އެސްޓީއޯގެ ކުުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި ކުންފުނީގެ ބޯޑު މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއިން ބަންކަރިންގެ ހިދުމަތް ދިނުމަށް ޒަމާނުއްސުރެ ދެކެމުން އައި ހުވަފެން މިއަދު ހަގީގަތަކަށް ވެގެންމިދަނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި ވިޓޯލްއާއި އެސްޓީއޯއާއި ގުޅިގެން މިއަދު ފަށާފައިވާ ބަންކަރިންގެ ހިދުމަތުންނެވެ. އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދޭނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ގުޅިގެންނެވެ. އަދި ބަންކަރިންގ ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ މި ކުންފުނިންނެވެ.
އުޅަނދުގެ މައުލޫމާތު:
އޮފްޝޯ ހިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން މިއަދު ފެށިއިރު އެ ހިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެކެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. މި ދެބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލް އަޤްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރ ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށް ފައިވާ ބޯޓުފަހަރެވެ. މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފަިއިވާ ދެ ބޯޓެވެ
އެސްޓޯއޯއިން އިސްވެ، ރާއްޖެއަށް އާ ސިނާއަތެއް ތައާރަފްކުރުމުގެ ތާރީހީ މަސައްކަތް ހަގީގަތަކަށްވީއިރު މިއީ ކުންފުނީގެ ތަޖުރިބާވެސް ހުރިދާއިރާއެއްކަން ފާހަގަކުރަމެވެ. އެސްޓީއޯއިން ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ރާއްޖެ އެތެރެކޮށް ވިއްކުމުގެ މަސައްކަތް ކުރާ ކުންފުންޏަކަށްވާއިރު އެ ވިޔަފާރީގެ ތެރެއިން 2009 އިން ފެށިގެން ޓޭންކަރ ހޭންޑްލިން މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަމަށް ގާބިލް ތަޖުރިބާ ލިބިފައިވާ ދިވެހި މުވައްޒަފުންގެ ޓީމެއް އެސްޓީއޯގައި މަސައްކަތްކުރެއެވެ. އެސްޓީއޯގެ ބަންކަރިން ހިދުމަތުގެ ވިޔަފާރީގެ ތެރެއަށް ވަންނަނީ އެ ތަޖުރިބާއާއެކު، ކާމިޔާބު ސިނާއަތަކަށް ވާނެކަމުގެ އުންމީދާ އެކުކަމަށް އެކުންފުނިން ބުނެއެވެ.
އެސްޓީއޯއާ އެކު މި ހިދުމަތް ދިނުމުގައި ބައިވެރިވާ ވިޓޯލްއަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.
އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ފަށާ ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއެވެ. ވާދަވެރި ބާޒާރެއްގައި ހުންނަ ގޮންޖެހުތަކާއެކު އޭގެ %1 އަށް ހިދުމަތް ދެނުވު ނަމަވެސް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ހޯދި މިއީ ދެމެހެެއްޓެނިވި، ފައިދާ ބޮޑު، ސިނާއަތަކަށް ވެގެންދާނެއެވެ. އޮފްޝޯ ބަންކަރިންނަކީ އޭގެ ޒާތުގައި ހިދުމަތް ލިބުމުގައި ފަސޭހަކަން ހުންނަ ކަމަކަށްވުމުން މި ބިޒީ ލޭނުގައި މިފަދަ ހިދުމަތެއް ފަށައިގަތުމުން ރަނގަޅު މާކެޓްއެއް ހޯދޭނޭކަމުގެ ޔަގީންކަން އެސްޓީއޯއަށް އެބަ އޮތެވެ.
އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ އިތުރަށް ބަންކަރިން ހިދުމަތުގެ ތެރެއިން ރާއްޖެއިން ދޭނެ އިތުރު ބައެއް ހިދުމަތްތަކަކީ:
- ކްރޫ ޗޭންޖް ނުވަތަ ފަޅުވެރިން ބަދަލުކުރުން
- ޕްރޮވިޝަން އައި ޝިޕް ސްޓޯޜސް އަދި ސްޕެއަރ ޕާރޓްސް އާއި ރިޕެއަރ
- ސާފު ބޯފެން ފޯރުކޮށްދިނުން
"މިފުރުސަތުގައި އަދުގެ ސަރުކާރުން ރާއްޖޭގެ އިޤްތިސާދު ޑައިވާސިފައިކުރަން ކުރާ މަސައްކަތަށް ޝުކުރުވެރި ކާމާއެކު ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ވަރަށް ހާއްސަ ޝުކުރެއް މިކުންފުނިން އަދާކުރަމެވެ. އަދި މިއާއެކު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ދެމުން އަންނަ ހާއްސަ އިރުޝާދާއި އެހީތެރިކަންވެސް ޝުކުރުވެރިކަމާއެކު ފާހަގަކޮއްލަމެވެ. އަދި މިފަދަ އިޤްތިސާދީ މުހިންމުކަންކަމުގައި މިކުންފުނަޏަށް ފޯރުކޮއްދެވޭ އެންމެހާ ހިދުމަތްތައް ފޯރުކޮއްދިނުމުގައި ދެމިތިބޭނޭ ކަމުގެ ޔަގީންކަން އަރުވަމެވެ." އެމްޑީ ޝިމާދު އިބްރާހިމް.
ބަންކަރިންގެ ހިދުމަތް ރާއްޖެއިން މި ފަށަނީ ބައިނަލްއަގުވާމީ މެރިޓައިމް އިދާރާތަކުން ގަބޫލުކުރާ އައިއެސްޕީއެސް ކޮމްޕްލައިންޓް ޕޯޓް ފެސިލިޓީއަކާ ވެސް އެކުއެވެ. މީގެ އިތުރަށް ރާއްޖެއަކީ މެރިޓައިމް ދާއިރާގެ މުއާހަދާ އައިއެމްއޯ ސޮލަސް މުއާހަދާގެ ފަހުގެ އިސްލާހުތަކާ އެކު ތަސްދީގުކޮށް، އެ މުއާހަދާއަށް އަމަލުކުރަމުން އަންނަ ގައުމެކެވެ. އަދި މާޕޯލްގެ ގިނަ ޗެޕްޓާތައް ވެސް ވަނީ ފުރިހަމަކޮށްފައެވެ.