މަސްވެރިކަމާއި ގުޅޭ

ފަޅުވެރިން ވަތަށް މަސްއެޅުމަށް ހަރަކާތްތެރިވަނީ - ފޮޓޯ: މަސްވެރިން އެމްވީ
ފަޅުވެރިން ވަތަށް މަސްއެޅުމަށް ހަރަކާތްތެރިވަނީ - ފޮޓޯ: މަސްވެރިން އެމްވީ

މަހަށްދޭ! މީ ސަޅި ކަމެއް!

ޒަމާނުއްސުރެ އަޑުއިވެމުން އައިސްފައިވަނީ މަދަރުސާއިން ފާސްނުވެއްޖެނަމަ މަހަށްދާން ޖެހޭނެ ކަމަށެވެ. މަސްވެރިކަމަކީ ނުކިޔަވާ ތިބޭ މީހުން ކުރާކަމެއްކަމަށް އޭރު ދެކެނީ ކީއްވެގެން ހެއްޔެވެ؟ މަސްވެރިކަމަކީވެސް ޢިލްމެއްލިބިގެން ކުރެވޭނެ މަސައްކަތެއް ނޫންބާއެވެ؟ ހަމަގައިމުވެސް މަސްވެރިކަމުގެ ދާއިރާގައި ޢިލްމު އުގެނިގެން ކުރެވޭނެ ވަރަށް ގިނަ މަސައްކަތް ހުންނާނެކަމީ ޔަގީންކަމެކެވެ. ޚާއްޞަކޮށް މިހާރު ކުރަމުންމިދާ ޒަމާނީ ދޮށީގެ މަސްވެރިކަމަކީ ޢިލްމެއް ނެތް ބަޔަކަށް ކުރެވޭނެކަމެއް ނޫނެވެ. ކޮންމެ މަސައްކަތަކީވެސް އެމަސައްކަތަކާއި ބެހޭ ޢިލްމު ރަގަޅަށް އުނގެނިގެން ކުރެވޭނެ ކަމެކެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ހަދާފައިވާ ދިރާސާ އަކުން ދައްކާގޮތުން ގިނަ ދަރިވަރުން ކުރިއަށްދާން ބެނުންވާ ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަން ފާހަގަކޮށްލެވެއެވެ. ދިވެހިންގެ ލޭނާރުކަމަށްވާ މަސްވެރިކަމަށް ގިނަ ދަރިވަރިވަރުންގެ ޝައުގުވެރިކަން ކުޑަކަން މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ސާނަވީ ތަޢުލީމް ނިންމާ ދަރިވަރުންގެ މުސްތަޤްބަލު ރާވާފައިވާ ގޮތް ދެނެގަތުމަށް ހެދި މިދިރާސާގެ ނަތީޖާ ދައްކާ ގޮތުން، 21 އިންސައްތަ ދަރިވަރުން ހިޔާރު ކުރަނީ ފަތުރުވެރިކަން ނުވަތަ އެކަމާ ގުޅުން ހުރި ދާއިރާއަކުން ކުރިއަށް ދާށެވެ. ޞިިއްޚީ ދާއިރާގެ އެކި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަރިވަރުންގެ ނިސްބަތަކީ 12 އިންސައްތައެވެ.  ތިން ވަނައަށް އެންމެ ގިނަ ދަރިވަރުން ޚިޔާރުކުރި ދާއިރާއަކީ، އިންޖިނިއަރިންކަމަށް ދިރާސާއިންދައްކައެވެ. މިއީ މި ދިރާސާގއި ހިމެނޭ 11 އިންސައްތަ ދަރިވަރުންނެވެ.

ދަރިވަރުންގެ ޝައުގުވެރިކަން އެންމެ ކުޑަކޮށް ހުރި ދާއިރާތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އަންނަ އެއް މަސައްކަތް ކަމަށްވާ މަސްވެރިކަން ހިމެނެ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަން ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ އަޑު ގަދަވެގެންދިޔައިރު، އެ ދާއިރާއަށް ޝައުގުވެރިވާ ދަރިވަރުންގެ ނިސްބަތްވެސް ދަށްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ރަށްތަކަށް ބަލާއިރު ގިނަ ރަށްރަށުގައި މަދަރުސާ ނިންމާ ކުދިންނާއި ޒުވާނުން މަސްވެރިކަމުގައި ޝާމިލްވާތަން ފެނެއެވެ. ނަމަވެސް ވެރިރަށް މާލޭގައި ދިރއުޅޭ މީހުން މަސްވެރިކަން ކުރަނީ ހޮބީއެއްގެ ގޮތުގައެވެ. އޮފީސް ނިންމާލާފައި ރަށްޓެހިންނާއި އެއްކޮށް ނުވަތަ އާއިލާއާއި އެއްކޮށް މަސްދަތުރު ދިއުމަކީ ދިވެހިންގެ މެދުގައި ވަރަށް މަޤްބޫލްކަމެކެވެ. 

މަސްވެރިކަމުގެ ދާއިރާގައި ތައުލީމީ އެތައް ޒުވާނުންނެއް މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ. މީގެތެރޭގައި މަތީތައުލީމު ޚާސިލްކޮށްފައިވާ ޒުވާނުންވެސް ހިމެނެއެވެ. ގަދަރުވެރި ވަޒީފާތައް ދޫކޮށް މަސްވެރިކަމަށް މި ޒުވާނުން އެނބުރެމުން ދިއުމަކީ މަސްވެރިކަމާމެދު ދެކެމުން އައި ގޮތް ބަދަލުވެގެން އަންނަކަމުގެ ހެއްކެކެވެ. މިހާރު މަސްވެރިކަމަކީ ނުކިޔަވާތިބި މީހުން، ނުވަތަ ނުކިޔެވުނު މީހުން ކުރަން އޮތް މަސައްކަތެއް ނޫންކަން މިހާރުގެ މަސްދޯނިފަހަރުން ސާބިތުވާނެއެވެ. މަސްވެރިކަމަކީ ސަޅި މަސައްކަތެކެވެ. އަބުރުވެރި މަސައްކަތެކެވެ. އާއިލާއާއެކު ރަށުގައި ތިބެގެން އާމްދަނީ ހޯދަން ބަރާބަރު މަސައްކަތެކެވެ. މަހަށްދިއުމަކީ ސަޅިކަމެކެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!