މަސްވެރިކަމާއި ގުޅޭ

3503

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާއަށް މާލެ ގެނެސްފި

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާއަށް އޭނާ މާލެ ގެނަސް ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ބުޅިއެއް ހެރުނީ ދިއްފުށީ ކަނދުފަތީގެ ބޭރުން 26 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަމުގައި އުޅުނު "އަޒުމް" ދޯނީގައި ހުރި 40 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ލޮލަށް ކަމަށެވެ. މިދޯންޏަކީ ކ.ގާފަރު ދޯންޏެއްކަމަށް މަޢުލޫމާތުލިބެއެވެ.

ސިއްހީ އަވަސް ފަރުވާއަށް އޭނާ މާލެ ގެނަސްފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާރޑް ސްކޮޑްރަން އިންނެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 16:20 ހާއިރު ކަމަށެވެ.

އިއްޔަވެސް މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިގޮތުން އދ. މަންދޫގެ ހުޅަނގުން 101 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ކޮންކޯޑު" ނަމަކަށް ކިޔާ ދޯނީގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން ކޯސްޓްގާރޑް ސީއެމްބިއުލެންސްގައި އޭނާ މާލެ ގެނެސް ފަރުވާދޭން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިހާދިސާގައި އަނިޔާވެފައިވަނީ އެދޯނީގައި ހުރި65 އަހަރުގެ ދިވެއްސަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!