ހުޅުމީދޫގައި ހުންނަ މަސްރައްކާކުރާ ކާރުހާނާގެ ކެޕޭސިޓީ އިތުރުކޮށް، އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށައި، އަހަރުގެ ފަހުކޮޅަށް ނުވަތަ ޖެހިގެން އަންނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، ހުޅުދޫ ފެސިލިޓީގެ ކެޕޭސިޓީ އިތުރު ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާއި ގުޅޭގޮތުން މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ހުޅުދޫގައި ގާއިމްކޮށްފައިވާ ފެސިލިޓީއަކީ ކުރީ ސަރުކާރުން ގާއިމްކޮށްފައިވާ ފެސިލިޓީއެއް ކަމަށާއި، އެ ފެސިލިޓީގެ ކެޕޭސިޓީ އިތުރުކުރާ ވާހަކަ 2019 ވަނަ އަހަރުން ފެށިގެން ކުރީ ސަރުކާރުން ދެއްކި ނަމަވެސް ދައުރު ނިމިގެން ދިޔައިރުވެސް އަމަލީ އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ފެއްޓެވި ފުރަތަމަ މަސައްކަތްތަކުގެ ތެރޭފައި މި ފެސިލިޓީ ތަރައްގީ ކުރުމުގެ މަސައްކަތް ހިމެނޭކަން ފާފަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ މިފްކޯ މެދުވެރިކޮށް މި މަސައްކަތް ކުރުމަށްޓަކައި ފަންޑިން އެޖެންސީތަކާއިއެކު މަސައްކަތް ފެށިގެންދިޔަ ކަމަށާއި، ނަތީޖާއެއްގެ ގޮތުން އައިއެސްޑީބީގެ ފަރާތުން މިފްކޯގެ މަސައްކަތުގެ ތެރޭގައި ހިމެނިގެން އެ މަސައްކަތް ކުރެވޭނެ ފައިސާ ހަމަޖެހިފައި ވަނީ ފާއިތުވި ހަފްތާތެރޭގައި ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ހުޅުދޫ ފެސިލިޓީގައި މިހާރު ހުރީ 1500 ޓަނު މަސް ރައްކާ ކުރުމުގެ ކެޕޭސިޓީއާއި 50 ޓަނުގެ ބަރައިން ފްރީޒް ކެޕޭސިޓީ ކަމަށެވެ. ނަމަވެސް އެ ފެސިލިޓީ ތަރައްގީކޮށް ނިމޭއިރު އިތުރުކުރެވޭ ވަސީލަތްތަކާއިއެކު އިތުރު 1000 ޓަނުގެ ކެޕޭސިޓީ އިތުރު ކުރެވިގެންދާނެ ކަމަށެވެ. އަދި އިތުރު 50 ޓަނު ބަރައިން ފްރީޒް ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށާއި އޭރުން ދުވާލަކު 100 ޓަނު މަސް އެ ފެސިލިޓީއަށް ގަނެވޭނެ ކަމަށެވެ.
މަސްވެރިކަމުގައި ހުރި ގޮންޖެހުމުގެ އަސްލަކީ ހުރިހާ ގޮތަކުން ވެސް ސިނާއަތުގައި ކެޕޭސިޓީ ނެތުންކަން މިނިސްޓަރގެ ވާހަކަ ފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
އެކަމަށް އިޝާރާތް ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ފެލިވަރު އޮޕަރޭޝަނަށް އައި ފަހުން ވެސް 47 އަހަރު ފާއިތުވެފައިވާ ކަމަށާއި ބައިގަރުނުވާން ދާއިރު އޭރާއި މިހާރާއި މާބޮޑު ތަފާތެއް ނެތްކަމަށެވެ. އަދި މިފްކޯ ވުޖޫދުވީ ފަހުން ވެސް ވަނީ 28 އަހަރު ފާއިތުވެގެން ގޮސްފައިވާ ކަމަށާއި ފާއިތުވި މުއްދަތުގައި މަސްވެރިންނާއި މަސްވެރިކަން ތަރައްގީވެގެން އައި ނަމަވެސް އެ މިންވަރަށް މިފްކޯ ތަރައްގީވެފައި ނުވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ