މަސްވެރިކަމާއި ގުޅޭ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް

ފަސް އަހަރު ތެރޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 ޓަނަށް އިތުރު ކުރާނަން: ޝިޔާމް

މި ސަރުކާރުގެ ފަސް އަހަރުތެރޭ ރާއްޖޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 (ފަންސަވީސް ހާސް) ޓަނަށް އިތުރު ކުރައްވާނެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހަށް ހާޒިރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭގައި ރައްކާކުރެވޭ މަހުގެ ކެޕޭސިޓީއާއި ގުޅޭގޮތުން މެމްބަރު ނާޒިލް ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު މަސް ރައްކާކުރެވޭ ކެޕޭސިޓީއަކީ 8500 (އަށްހާސް ފަސްސަތޭކަ) ޓަނުކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރު ފުރިހަމަވާއިރު ރާއްޖޭގައި މަސް ކިރުވޭ ކެޕޭސިޓީ 25000 އަށް ބަދަލުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ އިރާދަކުރެއްވިއްޔާ 250 މިލިޔަން ރުފިޔާގެ މަސް ހުރެއްޖެކަމަށްވަންޏާ އެ މަސްވެސް ސްޓޯރ ކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމަށް. ދިވެހިރާއްޖޭގެ ސްޓޯރެޖް ކެޕޭސިޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ނިމޭއިރު ހުންނާނީ 25000 ޓަނަށްވުރެ މަތީގައި،" މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.

މިނިސްޓްރީން އަންނަނީ ކެޕޭސިޓީ އިތުރުކުރުމުގެ ބިޔަ މަޝްރޫއެއް މިހާރުވެސް ކުރިއަށް ގެންދަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!