މަސްވެރިކަމާއި ގުޅޭ

ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރަން ހަވާލުކޮށްފި

ހުވަދު އަތޮޅު އުތުރުބުރީ ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރުމަށް ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޑާއިއެކު ސޮއިކޮށްފިއެވެ.

މިއީ ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ހިންގުމުގެ އެއްބަސްވުމުގައި ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޑާއި ފިޝަރީސް މިނިސްޓްރީއާއި ދެމެދު ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މަސްވެރި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމެވެ. އަދި ގްލޯބަލް ޕްރޮޖެކްޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އާޝިޝް އޮބަރޯއިއެވެ.

މިއީ 6.6 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޑާއި ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިވަގުތު ކޫއްޑޫގައި ހުރީ 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މި ޕްރިޖެކްޓް ނިމުމާއިއެކު ކޫއްޑޫ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ ހަހާހަށް އިތުރުވެގެންދާނެއެވެ.

ރާއްޖޭގައި މިވަގުތު ހުރީ ޖުމްލަ 8500 ޓަނުގެ މަސް ރައްކާކުރެވޭ ވަރުގެ ކޯލްޑް ސްޓޯރޭޖެވެ. މި ސަރުކާރުގެ ފަސް އަހަރު ފުރިހަމަވާއިރު އެ އަދަދު 25000 ޓަނަށް އިތުރު ކުރުމަކީ މި ސަރުކާރުގެ އަމާޒުކަމުގައި މިނިސްޓަރ ޝިޔާމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، ކޯލްޑު ސްޓޯރޭޖުގެ ހާލަތު ރައްޖޭގައި ހުރިގޮތުން މަހަށް އަގު ކިޔުމުގެ ބާރެއް ރާއްޖެއަށް މިހާރު ނޯންނަކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަޝްރޫއުތަކާއި އެކު މަސްވެރިކަމަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!