ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިފްތިތާހްކުރައްވައިފިއެވެ.
މި މަޝްރޫއުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ގާއިމުކޮށް، މަސްވެރިންނާއި އާންމު ރައްޔިތުންނަށް ތެޔޮ ލިބޭނޭ ނިޒާމު ގާއިމުކުރުންކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވިއެވެ.
މިއަހަރުގެ ޖަނަވަރީ މަހު ވަނީ، ހުޅުމާލޭގައި ސެޓަޕް ޤާއިމުކޮށްފައެވެ. އަދި ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުންނަ އެފްއެސްއެމް ޝެޑުން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުންދާކަމަށާއި، ފެބްރުއަރީ 2025 ވަނަ އަހަރު އަންނަންވާއިރަށް، އައްޑޫ ސިޓީ ހުޅުމީދޫގައި ސެޓަޕް ޤާއިމުކުރުމަށް ވަނީ ތާވަލުކޮށްފައިކަމަށް ޝިމާދް ވިދާޅުވިއެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ފ. ނިލަންދޫ، ގދ. ފަރެސްމާތޮޑާ އަދި ފުވައްމުލައް ސިޓީގައި ސެޓަޕް ޤާއިމުކޮށް، 2026 ގެ ފެބްރުއަރީ މަހުގެ ނިޔަލަށް، ށ. މިލަންދޫ، ނ. މަނަދޫ، ބ. ތުޅާދޫ، ވ. ފެލިދޫ، ތ. ހިރިލަންދޫ، ރ. ދުވާފަރު، އއ. މަތިވެރި، މ. މުލައް، ދ. ކުޑަހުވަދޫ އަދި ލ. ގަމުގައި ސެޓަޕް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވަނީ، ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅުއްވައި، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، މަދުވެގެން ކޮންމެ އަތޮޅަކުން އެއް ރަށުން އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭ ނިޒާމެއް ގާއިމުކުރުމަކީ ރައީސްގެ ރިޔާސީ ވައުދެއްކަން ހަނދުމަފުޅުކޮށް އަރުވާފައެވެ. މަސްވެރި ސިނާއަތުގައި މިހާތަނަށް އޮތް ވަގުތީ ހައްލު ހޯދުމުގެ ސަގާފަތް ނައްތާލައި، ދާއިމީ ހައްލު ހޯދައިދިނުމުގެ ތަސައްވުރެއް ރައީސް ގެންގުޅުއްވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް، މަސްވެރިންނަށް ބޭނުންވާ ތެޔޮ، ހެޔޮ އަގުގައި ވިއްކުމަކީ، ދިވެހީންގެރާއްޖެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ މުހިންމު ނުކުތާއެކެވެ. މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގަތެވެ.