އެމެރިކާގެ ކެލިފޯނިއާގެ ބީޗަކަށް އޯފިޝްއެއް ލައްގައިފިއެވެ.
ކަނޑުގެ ވަރަށް ފުނުގައި އުޅޭ ވަރަށް މަދުން ފެންނަ އޯފިޝް ފެނުމަކީ، މީހުން ދެކޭގޮތުގައި ތޫފާނެއް އަންނަން އުޅޭ ކަމުގެ ނިޝާނެކެވެ. އެގޮތުން 2011 ވަނަ އަހަރު މި ބާވަތުގެ މަހެއް މީހަކު ބާނާފައިވާއިރު، އޭގެ ދުވަސްތަކެއް ފަހުން ވަނީ ޖަޕަނަށް ބާރުގަދަ ބިންހެލުމެއް އަރާފައެވެ.
ކެލިފޯނިއާގެ ބީޗަކަށް މަރުވެގެން ލައްގާފައިވާ އޯފިޝްގެ ދިގުމިނުގައި 10 ފޫޓު ހުރިކަމަށް ޚަބަރުތައް ބުނެއެވެ.
މި މަހަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ މަހަކަށްވުމުން، މިގޮތަށް މަރުވެގެން ލައްގާ ލަސްތައްވެސް ތަޙުލީލުތައް ކުރުމަށްޓަކައި ރިސަރޗު އިންޓިޓިއުޓުތަކަށް ގެންދެއެވެ.
އެގޮތަށް މިފަހަރު ފެނުނު މަސްވެސް ވަނީ ދިރާސާތައް ކުރުމަށް ގެންގޮސްފައެވެ.
އޯ ފިޝް ފެނުމަކީ ބިންހެލުމަށް އަތުވެދާނެ ކަމެއް ކަމަށް ބައެއް މީހުން ބުނަމުން ދިޔަ ނަމަވެސް ސައިންސްވެރިންދަނީ މިއީ އެފަދަ ކަމަކާއި ގުޅުން ހުރި ކަމެއް ނޫން ކަމަށް ބުނަމުންނެވެ.
އެގޮތުން ކަނޑުގެ ލޮނު ކަނޑުގެ ފިނި ހޫނު މިނަށް އަންނަ ބަދަލާއި ގުޅިގެންވެސް އޯފިޝްއެއް ކަނޑުގެ ތިލަ ހިސާބަކުން ފެނިދާނެ ކަމަށް ސައިންސްވެރިން ހާމަކުރެއެވެ.
އޯފިޝްއަކީ ކަނޑުގެ ވަރަށް ފުނުގައި އުޅޭ މަހެކެވެ. ހިމަ ދިގުކޮށް އޮންނަ މި މަސް ކަނޑުގެ ތިލަ ހިސާބުތަކުން ފެނިފައިވަނީ ވަރަށް މަދުންނެވެ. މިމަހަކީ 56 ފޫޓަށް ބޮޑުވާ މަހެކެވެ. މިމަސް އާއްމުގޮތެއްގައި އުޅެނީ ކަނޑުގެ 656 އާއި 3200 ފޫޓު އަޑީގައެވެ.