މަސްވެރިކަމާއި ގުޅޭ

kanbalunn

ދިވެހި މަސްވެރިކަމުގައި އަންހެނުންގެ ދައުރު މިއަދުވެސް މުހިންމު!

ޒަމާނުއްސުރެ ދިވެހި މަސްވެރިކަން ސިފަ ކުރެވެމުން އައީ ދިވެހިންގެ ލޭނާރުގެ ގޮތުގައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިއީ ދިވެހި ކާބަފައިން ފެށުނީއްސުރެ ކެއިންބުއިމަށާއި އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތެއްކަން ދިވެހި ތާރީޚީ ފަތްފުއްތަކުންވެސް ފެންނަން އެބަހުއްޓެވެ.

ދިވެހި މަސްވެރިކަމުގައި އޮތީ ފިރިހެނުންގެ ދައުރު އެކަންޏެއް ނޫނެވެ. ދިވެހި ކަނބަލުންނަކީވެސް މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. މަސްދޯނިތަކުގައި މަހަށް ނުނިކުތަސް ދިވެހި މަސްވެރިކަން މި ޖީލާ ހަމައަށް ގެނައުމުގައި ދިވެހި ކަނބަލުންގެ ދައުރު ކުޑައެއް ނޫނެވެ.

މިކަން ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރައްވާ ބޭފުޅެއް ކަމުގައިވާ ޅ.ނައިފަރު، އަތިއްޔާ އިބްރާހީމް (ރަނި) ހައްދަވާފައިވާ "މަސްއޮޑި މަހުން ލެފީމާ، މަސްބައި ގެޔަށް ގެނައިމާ" މި ލަވައިގައިވެސް ވަރަށް ރީތިކޮށް ސިފަކޮށްދީފައިވެއެވެ. މި ލަވައިގެ ފުރަތަމަ ކަނޑިންވެސް މަސްވެރިކަމުގައި ދިވެހި އަންހެނުން އަދާކުރަމުންއައި މުހިންމު ދައުރު ސިފަވެއެވެ.

" މަސްއޮޑި މަހުން ލެފީމާ މަސްބައި ގެއަށް ގެނައިމާ

މަސް ލާރިއަށް… މަސް ލާރިއަށް މި ހަދަނީ މަސްވެރިވި އަންހެނުންނޭ"

މި ލަވައިގައި މި ބުނަނީ ވަރަށް ބޮޑު ތެދެކެވެ. މަސްވެރިން މަހުން ލަފަންވާއިރަށް މަސް ކެއްކުމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ރަށުގައި ތިބޭ ކަނބަލުންނެވެ. އ.ދ ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން 1999 ވަނަ އަހަރު ރާއްޖޭގައި ހެދި ދިރާސައަކުން ދައްކާގޮތުން މަސް ބޭނުމަށް މަސްދޯނިތަކުގައި ކަނޑަށް ނުކުތުން ނޫން ހުރިހާ ކަމެއްގައި އަންހެނުން ޙަރަކާތްތެރިވެއެވެ.

މިއީ ކާބަފައިންގެ ޒަމާނުއްސުރެ ފެންނަމުންއައި މަންޒަރެކެވެ. މި ލަވައިގެ ދެވަނަ ކަނޑި ކިޔާލުމުން މި މަންޒަރު ސިފަވާ ކަހަލައެވެ.

"ހެދުމުން ދެދަރު ޖަހައިގެން ކަނޑިކިން ދަރެއް ނަގައިގެން

އުނދުނުނަށް މި ގުދު އަޅައިގެން މަސްދަނޑި އަތުން ހިފައިގެން

މަސް ކެއްކުމަށް އެ އުޅެނީ މަސްވެރިންތަކުގެ އަނބިންނޭ"

އަންހެން ކަނބަލެއް ކައްކާފައި ހުރި މަސް އަވީގައި ލުމަށް ހަރަކާތްތެރިވަނީ - ފޮޓޯ: ރ. މަޑުއްވަރީ މަސްވެރިން

ކަންބަލުންގެ ދައުރަކީ ހަމައެކަނި މަސް ކެއްކުން އެކަންޏެއް ނޫނެވެ. މަހުން އަގު އެއްކުރި އުފެއްދުންތައް އުފެއްދުމުގައިވެސް ކަނބަލުންގެ ދައުރު ކުޑައެއް ނޫނެވެ. މަސްވެރިން އަނެއްކާވެސް ދާނީ މަހަށެވެ. ރަށުގައި ތިބެގެން ވަޅޯ މަހާއި، ހިކިމަހާއި، ރިހާކުރާއި މިނޫންވެސް އެކި އުފެއްދުންތައް އުފައްދަނީ ގޭގައި ތިބޭ ހީވާގި ކަނބަލުންނެވެ. މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު، އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން 2017 ވަނަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިޔަ ސްޓަޑީ، ނުވަތަ ދިރާސާ އެއްގައިވެސް ދިވެހި މަސްވެރިކަމުގައި ކަނބަލުން އަދާކުރާ ދައުރުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. ޚާއްޞަކޮށް މަހުގެ އެކި އުފެއްދުންތައް ބާޒާރަށް ނެރުމުގައި ކަނބަލުންގެ ދައުރު ބޮޑުކަން މި ދިރާސާއިން ވަނީ ފާހަގަވެފައެވެ.

ޅެންވެރިއާ ސިފަކޮށްފައިވާ ފަދައިން:

"ކަނޑުމަހުގެ އެކި އުފެއްދުން ކަނޑު ރަން ޖަވާހިރަކުން

ކަނޑައެޅި ވަނީ ޔަޤީނުން މިކުރާ މަސައްކަތުންކަން

ކަނޑުމަހުގެ އަގު މި އަރުވާ ބަޔަކީ ތަ އަންހެނުންނޭ"

ވަރަށްވެސް ބޮޑު ހަޤީޤަތެކެވެ. ދިވެހި މަސްވެރިކަން މި ހިސާބަށް ގެނައުމުގައި ދިވެހި ކަނބަލުންގެ ދައުރު ކުޑައެކޭ ބުނެވޭކަށް ނެތެވެ. މިއީ މިއަދުގެ ޖީލަށް މަސައްކަތްތެރިކަމާއި މަސްވެރިކަންފަދަ ދާއިރާތަކުގައި ކަނބަލުންގެ ދައުރުގެ މުހިންމުކަން ސިފަވާ ކަމެކެވެ.

މަސްވެރިކަމަކީ "ހަޑި" މަސައްކަތެއްގެ ގޮތުގައި މި ޖީލިގެ ބައެއް ޒުވާނުން ދެކޭކަމީވެސް ޙަޤީޤަތެކެވެ. ނަމަވެސް ފުންކޮށް ވިސްނާލައިފިނަމަ މިއީ އިޙްތިރާމް ލިބިގެންވާ ބުރަ އަދި ދިވެހި ކާބަފައިން އަހަރުމެންގެ މިޖީލާ ހަމައަށް ގެނެސްދީ، ދިވެހި އިޤްތިޞާދު ކޮޅަށްޖެހި މަސައްކަތްކަން ޤަބޫލުކުރަން ޖެހެއެވެ. މިއީ މި ޖީލުން އަގުވަޒަންކުރަންޖެހޭ ކަމެކެވެ.

ޅެންވެރިއާ ސިފަކޮށްދީފައިވާގޮތަށް:

"މަސް ދޯންޏަކަށް ނުއެރިޔަސް މަސްދޮށިއަތުން ނުހިފިޔަސް

މަސް ލޯގަނޑުގެ ތެރެއިންވެސް ބޮޑު އުނދުނު ފުއްޑަނުންވެސް

ރަސް އައިންތަކަށް އެ އަރަނީ މަސްވެރިވި އަންހެނުންނޭ"

މަސް ހިއްކުމަށް އަވީގައި ބަހައްޓާފައި - ފޮޓޯ: ރ. މަޑުއްވަރީ މަސްވެރިން

ދިވެހިންގެ ލޭނާރު، އާދެ މަސްވެރިކަން ކުރިއަރުވައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުން ނަފާ ލިބޭނެ ގޮތްތަކެއް ހޯދުމަށް މި ޖީލަށް މިވަނީ ޖެހިފައެވެ. ޒަމާނާ އެއްގޮތަށް މަސްވެރިކަމުގެ އެކި އުފެއްދުންތައް ބާޒާރަށްނެރެ ދިވެހި މަސްވެރިކަމުގައި ޒުވާނުންގެ ދައުރު އިތުރުކުރަން ވީއެވެ. ދިވެހި ކަނބަލުންގެ ދައުރު މިކަމުގައިވެސް ކުޑައެއް ނޫނެވެ.

މިއަދު ރާއްޖޭގައި މި މަސައްކަތްތައް ކުރުމަށް ބިދޭސީ މަސައްކަތްތެރިން ޙަރަކާތްތެރިވަމުންދާތަން ފެންނަމުންދާކަމީ ދެރަވާ ކަމެކެވެ. ދިވެހި މަސްވެރި ކާބަފައިން ލޯބޯ ފިއްސައިގެން ކުރި މި މަސައްކަތް އެ ކާބަފައިން ފަޚްރުވެރިވާ ބައެއްގެ ގޮތުގައި ތިބެ ކުރުމަކީ މި ޖީލުން މިއަދު ކުރަންޖެހިފައިވާ މުހިންމު ކަމެކެވެ. ދިވެހި މަސްވެރިކަމުގައި ކަނބަލުންގެ ދައުރު ކުޑައެއް ނޫނެވެ. މިއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. މިއީ ކަނބަލުންގެ ހީވާގި މަސައްކަތްތެރިކަން ފެންނަ ދާއިރާއެކެވެ. މިއަދުވެސް މި ދާއިރާ ކުރިއެރުވުމަށް ދިވެހި ކަނބަލުންގެ ދައުރު ކުޑައެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!