ކައުންސިލްތަކަށް ފަޅުރަށް ލިބޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ސިޔާސަތުގެ ދަށުން އެކުލަވާލި އުސޫލާއި އެއްގޮތަށް ފަޅުރަށް ހޯދުމަށް ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިމިފައިވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ ތިން ރަށު ކައުންސިލަކުންނެވެ. މިގޮތުން އިނގުރައިދޫ ކައުންސިލުން ހުށަހަޅާފައިވަނީ އެ އަތޮޅުގެ ނެޔޮ ހޯދުމަށެވެ. އަދި ދ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ މިނިމަސްގަލި އާއި ފެންފުށި ހޯދުމަށް ހުށަހަޅާފައިވާއިރު މާވަށު ކައުންސިލުން ހުށަހަޅާފައި ވަނީ ބޮޑުމާބުޅަލި ހޯދުމަށެވެ.
މިކަން ހާމަކޮށް ވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްތަކަށް ފަޅުރަށް ލިބޭގޮތަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި ސިޔާސަތުގެ ދަށުން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކައުންސިލްތަކުގެ ޕްރޮޕޯސަލް އިވެލުއޭޓްކޮށް ނިމިފައިވާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އަންނަ ހަފުތާގައި އިވެލުއޭޝަން ރިޕޯޓުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވާނެ ކަމަށާއި ރަށްތައް ދޫކުރުމާމެދު ގޮތެއް ނިންމަވާނީ ސިޓީތަކާއި އިދާރީ ދާއިރާތަކާބެހޭ ވުޒާރާގެ އިވެލުއޭޝަން ކޮމިޓީން ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިންމުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ކޮންމެ ރަށަކީ އަދި އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ އަމާޒަކަށްވާއިރު، އިގްތިސާދީ މަސައްކަތްތަކަށް ބޭނުންކުރުމަށް ކައުންސިލްތަކަށް ފަޅުރަށްތައް ހަމަޖައްސައިދީ ކައުންސިލްތައް ބާރުވެރި ކުރުމަކީ ރައީސްގެ ވައުދެކެވެ.