މަސްވެރިކަމާއި ގުޅޭ

Masverin Masbaanany

މިފްކޯއިން މަސްގަންނަ އަގު ދަށްކޮށްފި

މިފްކޯއިން މަސް ގަންނަ އަގު ދަށްކޮށްފިއެވެ. މިގޮތުން ކިލޯއަކުން ދެ ރުފިޔާ ވަނީ ދަށް ކޮށްފައެވެ.

މީގެކުރިން އައިސްއަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާ ކަންނެލި ކިލޯއެއް ގަންނަމުން ދިޔައީ 20 ރުފިޔާއަށެވެ. އަދި ފިނިނުކުރާ މަސް ކިލޯއެއް ގަންނަމުންދިޔައީ 18 ރުފިޔާއަށެވެ. ނަމަވެސް މިއަދު އަގަށް ގެނައި ބަދަލާއި ގުޅިގެން މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް ގަންނަމުންދާނީ 18 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 16 ރުފިޔާއަށެވެ. މީގެއިތުރުން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 10 ރުފިޔާއަށެވެ. 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ފިނިނުކޮށް ގަންނަނީ 8 ރުފިޔާއަށެވެ.

މިމަހުގެ ވިހި ވަނަ ދުވަހު މިފްކޯއިން ވަނީ އެކުންފުނިން މަސްގަންނަން ގެންގުޅޭ ކޮންޓްރޯލް އަގު ދޫކޮށްލާފައެވެ. މިއާއެކު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިޒް އިއުލާންކޮށްފައެވެ.

މިގޮތުން  1.5 ކިލޯ އަށްވުރެ ބަރު މަހާއި ކަންނެލި ކިލޯއެއް ގަނެވޭނެ އެންމެ ދަށް އަގަކީ 13 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 1.5 ކިލޯއަށްވުރެ ދަށް މަހާއި ކަންނެލި ކިލޯއެއްގެ އެންމެ ދަށްކޮށް ގެނެވޭނެ އަގަކަށް ހަމަޖައްސާފައިވަނީ 5 ރުފިޔާ 15 ލާރިއަށެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!