މަސްވެރިކަމާއި ގުޅޭ

378926_ac1dd83e-0_

ރައީސުލްޖުމްހޫރިއްޔާ ކެޔޮޅުންނާ ބައްދަލުކުރައްވާ، ދެއްވީ ޔަގީންކަން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ކެޔޮޅުންނާއި ބައްދަލުކުރައްވައި މަސްވެރިންނާއި ކެޔޮޅުންނާއި ގާތުން މަސައްކަތް ކުރައްވައި، ސިނާއަތުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކެޔޮޅުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ހާއްސަ ބައްދަލުވުން މިއަދު ހެނދުނު ބާއްވާފައި ވަނީ ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. ހަމައެއާއެކު، މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައް ވެސް، ކެޔޮޅުން ރައީސުލްޖުމްހޫރިއްޔާ އާއި ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކެއުޅުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ސިނާއަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ކެޔޮޅުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު ކުރިއަށްދިޔަފަދަ ބައްދަލުވުންތައް ގިނަ ގިނައިން ބޭއްވެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!