މަސްވެރިކަމާއި ގުޅޭ

ފޮޓޯ: ސަރުކާރު
ފޮޓޯ: ސަރުކާރު

ހާފިޡުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއުގެ ދަށުން ހަވަނަ ހާފިޡަށް ފުރުސަތު ދެއްވައިފި

ޤުރުއާން ހިތުދަސް ކުރާ ހާފިޡުން އުމްރާއަށް ފޮނުވުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ހަވަނަ ހާފިޡަށް ފުރުސަތު ދެއްވައިފިއެވެ.

ހަވަނަ ހާފިޡެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ފުރުސަތު ދެއްވާފައި ވަނީ އަލްޙާފިޡާ ޔުމްނާ ޢަބްދުލް ޢަޒީޒް އަށެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް ފުރުސަތު ދެއްވާފައިވާ ފަރާތްތަކަކީ އަލްޙާފިޡް އަލީ ރައީފް، އަލްޙާފިޡް އާސިރު އާރިފް ޔޫސުފް، އަލްޙާފިޡް އަޛިން މުޙައްމަދު، އަލްޙާފިޡާ ސަޚިއްޔާ އަބްދުލްޢަނީގެ އިތުރުން އަލްޙާފިޡާ ޝަބީނާ އާދަމް އެވެ.

އިސްލާމިކް މިނިސްތްރީން ވިދާޅުވީ އަލްޙާފިޡުން އުމްރާއަށް ފޮނުވުމަށް ހިނގާ ހަރަދުކުރަނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިންކަމަށާއި، މި ފަދަ ކަންކަމުގައި މުޖުތުމައުގެ ވީހައި ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށްޓަކައި އަދި ގުރުއާން ހިތުދަސްކުރާ ޖީލެއް ބިނާ ކުރުމަށް ޓަކައި ވަރަށް ބޭނުންތެރި އެހައިމެ މުހިންމު ކަމެއްކަމަށެވެ.

ޤުރުއާން ހިތުދަސް ކުރާ ޙާފިޡުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއުއެއް ފައްޓަވަން ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރ ހާމަކުރައްވާފައި ވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރުމާއި، ޙާފިޡުންގެ އަދަދު އިތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!