ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަވައިދެއްވުމަށް ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު މަސްވެރިންނާއި ބައްދަލުކުރެއްވުމުން އެކަމަށް އިޝާރާތް ކުރައްވައި ވަޒީރު ޝިޔާމް "އެކްސް" ގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ ދިވެހި ތާރީހުގައި މަސްވެރި ސިނާއަތަށް ރިޔާސީ ދައުރެއްގައި އެންމެބޮޑު ހިދުމަތެއް ކޮށްދެއްވާނެ ރައީސް ކަމަށާއި އެކަން ޔަގީންވެގެން ދަނީ ވެރިކަމުގެ ފުރަތަމަ އަހަރު އެކަނި ސިނާއަތުގެ ތަރައްގީއަށް ކުރައްވަން ފެއްޓެވި މުހިއްމު ގިނަ މަސައްކަތްޕުޅުތަކުން ކަމަށެވެ
ވަޒީރު އިތުރަށް ވިދާޅުވީ ރައީސްއަކީ މަސްވެރި ސިނާއަތުގެ މަސްލަހަތުވެރިންނާއި ގާތުން މަސައްކަތްޕުޅު ކުރެއްވުމަށް އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއްދެއްވާ ކަމަށާއި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރެއްވުމަކީ ރައީސް އެންމެ އިސްކަމެއް ދެއްވާ ކަންތައް ކަމަށެވެ.
މިއަދު މަސްވެރިންނާއި ބައްދަލު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު ކުރިއަށްދިޔަފަދަ ބައްދަލުވުންތައް ގިނަ ގިނައިން ބޭއްވެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.