މަސްވެރިކަމާއި ގުޅޭ

Longtail Tuna - Photo: nt.gov.au

ނިގޫދިގު ކަންނެލި

މިއީ އިންޑިއާ ކަނޑާއި ހުޅަނގު ޕެސިފިކްގެ ކަނޑުތަކުގައި އައިން ހަދައިގެންއުޅޭ ކަނޑުމަހުގެ ބާވަތެކެވެ.

މިއީ ރާއްޖެއިން ވަރަށް މަދުން ފެންނަ މަހެކެވެ. ނަމަވެސް މިބާވަތުގެ މަސް އިންޑިއާގެ އައްސޭރިކައިރި ކަނޑުތަކުގައި ގިނަ ޢަދަދަކަށް އުޅެއެވެ. މިބާވަތުގެ ކަންނެލި ފުރަތަމަ ފަހަރަށް ރާއްޖޭގައި ރެކޯރޑްކުރެވުނީ 1994 ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ހުވަދޫ ކަނޑުގައި މެރިން ރިސާރޗް ސެކްޝަނުން ހިންގި މަހުގައި ފާހަގަޖެހުމުގެ މަސަތްކަތުގެ ތެރެއިންނެވެ.

މިއީ ރީނދޫއުރަހަ ކަންނެއްޔާ ވައްތަރު މަހެކެވެ. މިކަންނެލި އެހެނިހެން ކަންނެއްޔާއި ތަފާތުވެފައި ހުންނަނީ މަހުގެ ނިގޫކޮޅަށް ހިމަކަމުންނެވެ. މިސިފައަށް ބަލާ، ޢާންމުކޮށް ފެންނަ ކަންނެއްޔާ މިބާވަތް ވަކިކުރަން ދައްޗެއްނުވާނެއެވެ.

މަހުގެ ބުރަކަށިމަތީގެ ކުލައަކީ ކަޅުނޫކުލައެކެވެ. މަހުގެ އަރިމައްޗާއި ބަނޑުދަށްފަރާތް ހުންނަނީ ރިހިކުލައިގައެވެ. މަހުގެ ދިގަށް ބަނޑުދަށްފަރާތުގައްޔާއި ދެއަރިމަތީގައި ކެނޑިކެނޑިފައި ހުންނަ ހުދުކުލައިގެ ބައިބަޔަށް ހުންނަ ރޮނގުތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 1.3 މީޓަރެށެވެ. މަހުގެ ޢާންމު ކާނާއަކީ ބޯވައާ، ބޯވަދިލަމަހާ، ޑިނގާފާޑުގެ ސޫތްޕާއި މަސްމަހާމެއްސެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Longtail tuna
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!