މަސްވެރިކަމާއި ގުޅޭ

ފޮޓޯ: އައިޖީއެމްއެޗް
ފޮޓޯ: އައިޖީއެމްއެޗް

މިހާތަނަށް ދެހާހަށްވުރެ ގިނަ މީހުން ހިލޭ މެޑިކަލް ޗެކަޕް ހަދައިފި

މި ސަރުކާރުން ހުޅުވާލި ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތުގެ ދަށުން ދެހާހަށްވުރެ ގިނަފަރާތުން، މެޑިކަލް ޗެކަޕް ހަދާފައިވާ ކަމުގައި ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު ދެ ފަހަރު ހިލޭ މެޑިކަޕް ޗެކަޕް ހެދުމުގެ ޕްރޮގްރާމްގެ ދަށުން އެ ފުރުސަތުގެ ބޭނުންހިފައި މިހާތަނަށް 2180 ފަރާތަކުން ޗެކަޕް ހަދާފައިވާ ކަމުގައި ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދުފުޅާ އެއްގޮތަށް މިދިޔަ އަހަރުގެ އޭޕްރީލްގައި ވަނީ، އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް، އަދި ސްކޫލުތަކުގެ ދަރިވަރުންނަށް ހާއްސަ ސްކޫލް ސްކްރީނިން ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.

އެއާއެކު 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖްތައް ވެސް ތައާރަފުކުރިއެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ޚާއްސަ ޓެސްޓްތައް ވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އާސަންދަ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭ ގޮތް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ހަމަޖައްސާފައެވެ. އެ އުސޫލުގެ ދަށުން، ދެވަނަ މެޑިކަލް ޗެކަޕެއް ހަދަން ޖެހޭ މީހުންނަށް ޑޮކްޓަރެއްގެ ލިޔުމާއެކު އިތުރު ޗެކަޕެއް އާސަންދައިގެ ދަށުން ހެދޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!