ބޯޓް ބިލްޑިންގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ހާއްސަ މަރުކަޒެއް އިންނަމާދޫގައި ތަރައްގީ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ރ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އިންނަމާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ބޯޓް ބިލްޑިން ތަމްރީންދޭ މަރުކަޒެއްގެ އިތުރުން އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރަހުނަކާ ނުލައި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
އިންނަމާދޫއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތްކުރާ އެއް ރަށެވެ. އެރަށުގައި ގިނަ ޢަދަދެއްގެ ވަޑިން އަންނަނީ މަސައްކަތްކުރަމުންނެވެ. ރައީސް އިންނަމާދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވަޑިންނާ ބައްދަލުކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މަސައްކަތްކުރުމަށް ފައިސާ ލިބުމުގައި ހުރި ދަތިކަމާއި، ޒުވާނުން އެދާއިރާއަށް ވަނުމުގައިހުރި ގޮންޖެހުމުގެ ކަންބޮޑުވުންތަކެވެ.
އެހެންކަމުން ރައީސް ވަނީ ވަޑިންގެ އެ ކަންބޮޑުވުމަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން ގާތަށް ވަޑައިގަތީ ރައްޔިތުން ބޭނުންވާގޮތް އޮޅުންފިލުއްވައިގެން ކަންކަމަށް ހައްލު ގެނެސްދެއްވުމަށްކަމަށެވެ.
އޮޑިދޯނުފަހަރު ބަނުނަކީ އިންނަމާދޫގައި އިގްތިސާދީގޮތުން ކުރާ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބޭންކިން ނިޒާމުގެ ތެރެއިން ރަހުނަކާ ނުލައި އެފަރާތްތަކަށް ލޯނު ލިބޭނެގޮތް ހަމަޖައްސަވައިދެއްވާނެކަމަށެވެ.
މިދާއިރާއަށް ދިވެހިން ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޮޑިދޮނިފަހަރު ބަނުމުގެ ދާއިރާއަކީ ދިވެހިންނަށް އިސްކަންދޭ ދާއިރާއެއްގެ ގޮތުގައި އެމަނިކުފާނު ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި ބޭނުންފުޅުވަނީ އެއީ މުޅިންވެސް ދިވެހިން ހަރަކާތްތެރިވާ ދާއިރާއަކަށް ހެދުމަށްކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި އެދާއިރާއަށް ޒުވާނުން ބިނާކުރުމަށް ޚާއްސަ މަރުކަޒެއް އިންނަމާދޫގައި ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި މިފަދަ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ކަންސިލްތަކަށް ދަތިތަކެއްހުރުމުން، އާމްދަނީ ލިބޭނެގޮތަށް ދިގު މުއްދަތަކަށް ކައުންސިލްތަކަށް ބިން ދޫކުރެވޭނެގޮތްވެސް ހަމަޖައްސަވާނެކަމަށެވެ. އެގޮތުން 20 އަހަރަށް ބިން ކުއްޔަށްދެވޭނެގޮތް ކަނޑައަޅުއްވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި މަސައްކަތުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ކުރިއަށްދެވޭނެ މަގު ފަހިކޮށްދޭނަން. އަދި މިއީ ހަމައެކަނި ދިވެހިން، ތަމްރީންވެގެން، ދިވެހިން ކުރިއަށްދާ އަދި މިދާއިރާއަށް ދިވެހިން އިތުރުވާތަން ދެކެން ބޭނުން. އެހެންވީމަ އެކަން ކުރާނަން. ދެން އޮތީ ކައުންސިލުން ބިން ދިނުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިންނަމާދޫގެ ތަރައްޤީގެ އެހެނިހެން މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. އަދި ރައްޔިތުން ބޭނުންވާގޮތަށް ވަރަށް ބާރަށް އެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އިންނަމާދޫގައި ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ވައުދުވެވަޑައިގެންފައިވާ ކަމަށާއި، އެކަން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ކައުންސިލުން ބިން ކަނޑައަޅުއިދެއްވިހާ އަވަހަށް، ބިން ހަމަޖެހުމުން ކޮންޓެކްޓަރު ހަމެޖެހުމާއެކު 50 ޔުނިޓުގެ ހައުސިންގ މަޝްރޫއުއެއް މިރަށުގައި ހިންގުމަށް ނިންމާފައިވާކަމަށް ދަންނަވަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އިންނަމާދޫ ސްކޫލަށް ޖާގަ އިތުރުކޮށްދީ ވަސީލަތްތައް ގާއިމްކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ސިއްޙީ މަރުކަޒަށްވެސް ޖާގަ އިތުރުކޮށްދީ ޚިދުމަތްދޭ ވަގުތުވެސް އިތުރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މީގެއިތުރުން ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކޮށް، ގިރާ ސަރަހައްދު ހިމާޔަތްކޮށް، ނަރުދަމާ ނިޒާމުގައި ހުރި މައްސަލަތައްވެސް ހައްލުކޮށްދެއްވާނެކަމަށާއި، އެހުރިހާ ކަމެއް ތަރުތީބުކުރައްވައިގެން ދެ އަހަރު ދުވަހުގެ ތެރޭގައި މައްސަލަތަކަށް ފުރިހަމަ ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.