ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ވެސް މޫސުން ގޯހެވެ. އެހެންވުމާއިއެކު މޫސުމާއި ބެހޭ ގައުމީ އިދާރާއިން އަންނަނީ ސަމާލުތައް ނެރެމުންނެވެ. މީގެ ގަޑިއެއްހާ އިރުގެ ކުރިން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ށ އަތޮޅުން ފެށިގެން ވ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ މެންދުރު ފަހު 14:30 އާއި ހިސާބަށެވެ.
މީގެއިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ޅ އަތޮޅަށް އަދި ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޯމަދުވަހު ކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރުއެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. ފާރެސްމާތޮޑާއަށްށެވެ. އެއީ 129.7 މިލިމީޓަރުގެ ވާރޭއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވެ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
އަދި ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި އުތުރާއި އިރުއުތުރުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކުރެވޭކަމަށެވެ.