ގައުމީ އެއާލައިން، މޯލްޑިވިއަނުން ޗައިނާގެ ޗެންޑޫ ސިޓީ އާއި ރާއްޖެ އާ ދެމެދު ފެށި ސީދާ ވައިގެ ދަތުރުގެ ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖައްސައިފިއެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާފްޓް (އެއާބަސް އޭ-330) މިއަދު ޗައިނާގެ ޗެންޑޫ ސިޓީން ރާއްޖެ އައިސްފައިވާއިރު މިފްލައިޓުން ޖުމްލަ 192 މީހަރު ރާއްޖެ އައިސްފައިވެއެވެ. މީގެ ތެރެއިން 172 މީހުންނަކީ ފަތުރުވެރިން ކަމުގައި މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ. މި ފްލައިޓް ވެލާނާއިން ފުރައިގެން ޗައިނާގެ ޗެންޑޫ ސިޓީއަށް ގޮސްފައި ވަނީ އިއްޔެއެވެ.
މި ފްލައިޓުން އައި ފަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. ވެލާނާ އެއާޕޯޓުން ފަތުރުވެރިންނަށް މަރުހަބާ ކިއުމުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް، އިގްތިސާދީ ތަރައްޤިއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މޯލްޑިވިއަން އަދި އެމްއޭސީއެލްގެ މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަންގެ ސީދާ ދަތުރުތައް ރާއްޖެއާއި ދެމެދު ފަށާފައިވާއިރު، މިދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް މޯލްޑިވިއަންއިން ވިދާޅުވިއެވެ. އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ޗެންޑޫއިން މާލެ އައި ދަތުރުގައި ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު، ކާގޯ ގެނެސްފައިވާ ކަމަށެވެ.
"މިއަދުގެ ފްލައިޓުންވެސް އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރަށް ކާގޯވެސް ލިބިއްޖެ. 10 ޓަން ކާގޯ މިއައި. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ފެށުން މިއައީ ވަރަށް ކާމިޔާބުކޮށް. ކުރިއަށް އޮތް ދެ ސިޓީ، ޝަންހާއި އަދި ބެއިޖިން އަށްވެސް ގާތްގަނޑަކަށް މިހާރު އެހެރީ ފުލްވެފައި ހުރިހާ ފްލައިޓެއް " ސަލީމް ވިދާޅުވިއެވެ.
މިދަތުރުތައް ފެށުމާއި ގުޅިގެން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް ވަނީ މިދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން ޗައިނާ މާކެޓުން އެކަނިވެސް މިދަތުރުތަކާއެކު 40،000 ފަތުރުވެރިން އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިދިޔަ އަހަރު އެކަނިވެސް ޗައިނާ މާކެޓުން 270،000 ވަރަކަށް ފަތުރުވެރިން ރާއްޖެ އައިސްފައިވޭ. މޯލްޑިވިއަންއިން ވިދާޅުވެފައިވަނީ މި ދަތުރުތަކާއިއެކު 40،000 ފަތުރުވެރިން އަހަރެއް މައްޗަށް ގެނެވޭނެ ކަމަށް. މީގެ އިތުރުން ޔޫރަޕަށް ދަތުރު ފެށުމަށް އިތުރު ބޯޓެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާން ކުރައްވާފައި. މިއީ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް، ލިބުނު ކުރިއެރުމެއް." ވަޒީރު ފައިސަލް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަން ޗައިނާއަށް ފެށުމާއި ގުޅިގެން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ ޤައުމީ އެއަރރަލައިން ގައި މި ދަތުރުތައް ފެށުމަކީ ލިބިގެންދާ ޝަރަފެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ފަތުރުވެރިކަމަށް ފައިދާކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.