މަސްވެރިކަމާއި ގުޅޭ

IMG_0796-r1ba8ku60i5lccx2swz1c1urmqwq0db401zoqo8kgk

ގާސިމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް ނެރެފި

މިހާތަނަށް ރާއްޖެދުށް އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހީމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް ނެރެފިއެވެ.

މި ފޮތް ނެރެދެއްވީ ރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަޒީރުކަމާއި ދައުލަތުގެ އިސް މަގާމުތަކެއްފުރުއްވާފައިވާ އިލްޔާސް އިބްރާހީމެވެ. މިފޮތަށް ދީފައިވާ ނަމަކީ "ޤާސިމް އިބްރާހިމް: ލާމަސީލު ދިވެހި ދަރިއެއް" މިނަމެވެ.

ގާސިމްގެ މި ބަޔޯގްރަފީ ލިޔުއްވީ މަޝްހޫރު ނޫސްވެރިޔާ އަދި ބަޔޯގްރަފީ ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ ގާސިމްގެ ބަޔޯގްރަފީ އެކުލަވާލުމަށް ވަރަށް ގިނަ އިންޓަވިއުތައް ނެގި ކަމަށާއި، 800 އަށްވުރެ ގިނަ ސަފުހާ ހިމެނޭ މި ބްޔޯގްރަފީގައި ހިމެނޭ ގާސިމްގެ ވާހަކަތަކުން ލައްކަ ގިނަ ފިލާވަޅުތަކެއް ލިއްބައިދޭނެ ކަމަށެވެ. އަދި އިލްމީ ގޮތެއްގައި ވިސްނައިފިނަމަ ގާސިމްގެ ހަޔާތުން ރަނގަޅު ދަރުސްތަކެއް ލިބިގެންދާނެ ކަމަށެވެ.

ގާސިމް އިބްރާހިމްގެ ބަޔޯގްރަފީ ނެރެދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިލްޔާސް އިބްރާހިމް ވިދާޅުވީ ގާސިމް އިބްރާހިމް ފާހަގަކޮށްލެވެނީ ކަންކަމުގައި އައު ގޮތްތައް ހޯއްދަވައިގެން، ހަޔާތުގަޔާއި ކުރެއްވި ވިޔަފާރިތަކުގައި ކާމިޔާބީ ހޯއްދެވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި ގައުމަށް އެކި ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމުގައި ގާސިމްކުރެއްވި ބައެއް ވިޔަފާރިތައް އިލްޔާސް އިބްރާހިމް ފާހަގަކުރެއްވިއެވެ.
"ތެލާއި ސިމެންތީގެ ވިޔަފާރި ކުރެއްވި. ރިސޯޓުތައްވެސް ހުޅުއްވި. ވިލާ ގޭސް، ވިލާ ސިމެންތި، ވިލާ އެއަރ، ވިލާ ރިސޯޓްވެސް ހުޅުއްވި. ކޮންމެ ވިޔަފާރިއެއްވެސް ކުރެއްވީ ވަރަށް ބޮޑަށް ވިސްނަވައިގެން." އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ގާސިމް ވިޔަފާރިކުރެއްވީ އަމިއްލަ ފައިދާއަށްވުރެ ބޮޑަށް ގައުމަށް ކުރިއެރުން ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި ވިޔަފާރިތަކުން ލިބުނު މަންފާ އެހެން މީހުންނަށް އެހީތެރިވުމުގައި ވަރަށް ބޮޑަށް ހޭދަކުރެއްވިކަން އިލްޔާސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ގާސިމްގެ ބަޔޮގުރަފީގެ އޯޑިއޯ ބުކް ވެސް ނެރެފައިވެއެވެ. އަދި މި ފޮތުގެ އިނގިރޭސި ތަރުޖަމާ މިހާރު އަންނަނީ ލިޔަމުންނެވެ.

ގާސިމުގެ ހަޔާތުގެ އެކި ދުވަސްވަރުގެ ފޮޓޯތައް ހިމެނޭ މައުރަޒެއް ވެސް މި ރަސްމިއްޔާތުގައި ވަނީ ހުޅުވާފައެވެ. އެ މައުރަޒަށް މާދަމާ ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށް އާއްމުންނަށް ވަދެވޭނެއެވެ. މައުރަޒަށް ޒިޔާރަތްކުރާ މީހުންނަށް ފޮތުގެ ކޮޕީއެއް ހިލޭ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!