ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލިބޭ ޑޮލަރުގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރަން ލާޒިމްކޮށްފައިވާ ގަވައިދުގެ ދަށުން ފާއިތުވި ޖަނަވަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް މާރުކުރުމާއި ގުޅިގެން ރާއްޖޭގެ ރަސްމީ ރިޒާވަށް ހެޔޮބަދަލުތަކެއް އަންނަން ފަށައިފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖަނަވަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި 708.1 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ މިދިޔަ ޑިސެމްބަރުމަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރި މިންވަރަށް ވުރެ 5 އިންސައްތަ އިތުރުވުމެކެވެ.
މީގެ އިތުރުން ޑިސެމްބަރުމަހާއި އަޅާބަލާއިރު ޖަނަވަރީ މަހު ދައުލަތަށް ޓެކުހާއި އެކިއެކި ފީގެ ގޮތުގައި ލިބިފައިވާ ބޭރުފައިސާގެ އާމްދަނީ ވެސް ވަނީ 12 އިންސައްތަ އިތުރުވެފައެވެ.
މިދިޔަ އަހަރު އަމަލުކުރަން ފެށި ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކޮންމެ މީލާދީ މަހެއްގެވެސް 28 ވަނަ ދުވަހުގެ ކުރިން ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ ނިސްބަތުން ބޭންކުތަކަށް ވަކި މިންވަރަކަށް ޑޮލަރު މާރުކުރަން ޖެހެއެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށި ފަހުން އާއްމުކުރެއްވި ފުރަތަމަ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނިމުނު ޖެނުއަރީމަހުގެ ނިޔަލަށް ރިސޯޓްތަކުން ވަނީ ބޭންކުތަކަށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައެވެ. މިއީ އެމްއެމްއޭއިން މީގެކުރިން ލިބޭނެކަމަށް ލަފާކޮށްފައިވާ މިންވަރަށް ވުރެ 10 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. އަދި މި މުއްދަތުގައި 90 އިންސައްތަ ރިސޯޓުތަކުން ގަވާއިދާއި އެއްގޮތަށް ވަނީ ޑޮލަރު މާރުކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައެވެ.
ބޭރު ފައިސާގެ އައު ގަވާއިދުގެ ދަށުން ބޭރު ފައިސާ މާރުކުރަން ޖެހެނީ 3 މަސް 3 މަސް ދުވަހުގެ ކުރީގެ ރިއަލައިޒްޑް ނުވަތަ އެތަނަކަށް ލިބިފައިވާ އާމްދަނީއަކުންނެވެ. މިއާއެކު ގަވާއިދުގެ ދަށުން ވިޔަފާރިތަކަށް ބޭރުފައިސާގެ ދަތިކަމެއް ނެތި މާރުކުރަން މަގުފަހިވެގެންދެއެވެ.މި ގަވާއިދަށް ބާރުދިނުމުގެ ގޮތުން ބޭރުފައިސާއާއި ބެހޭ އައު ގާނޫނެއް އެކުލަވައި، ފާސްކޮށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. މި ގާނޫނުގެ ދަށުން ބޭރުފައިސާ 3 ގިންތިއެއްގެ ވިޔަފާރިތަކުން މާރުކުރަން ޖެހެއެވެ. ފުރަތަމަ ގިންތީގެ ހިމެނެނީ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ރިސޯޓުތަކެވެ. މިތަންތަނުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން 500 ޑޮލަރު މާރުކުރަން ޖެހެއެވެ. ދެވަނަ ގިންތީގައި ގެސްޓު ހައުސްތައް ހިމެނޭއިރު އެތަންތަނުން މާރުކުރަން ޖެހެނީ 25 ޑޮލަރެވެ.
އައު ގާނޫނުގެ ދަށުން މި ދެގިންތީގެ ވިޔަފާރިތަކަށް، މިގޮތަށް މާރުނުކުރާނަމަ ލިބޭ ބޭރުފައިސާގެ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. ތިންވަނަ ގިންތީގައި ހިމެނެނީ ފަތުރުވެރިކަމުގެ ވިޔަފާރިތައް ނޫން ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކެވެ. އެގޮތުން އަހަރެއްގެ ތެރޭ 15 މިލިޔަން ޑޮލަރަށް ވުރެ އިތުރަށް ލިބޭނަމަ، އެ ވިޔަފާރިއަކަށް މީލާދީ މަހެއްގެ ލިބޭ ބޭރުފައިސާގެ އާމްދަނީގެ ތެރެއިން 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ.