މަސްވެރިކަމާއި ގުޅޭ

photo_2025-02-11_00-28-49

މިއީ މަސްކިރަން ކިއުގައި ތިބެންޖެހޭނެ އެންމެ ފަހު އަހަރު – ޝިޔާމް

މިއީ މަސްވެރިން މަސްކިރުމަށް ކިޔުގައި ޖެހޭނެ އެންމެ ފަހު އަހަރު ކަމުގައި ފިޝަރީޒަ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހާޒިރުވެ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކާއެކު އެއްވެސް އުނދަގުލަކާއި ނުލައި މަސްވެރިންނަށް މަސްކިރުމުގެ އިންތިޒާމް ފަހިވެގެންދާނެ ކަމަށެވެ.

މަސްވެރިން މަސްކިރުވަން ކިއުގައި ތިބެޖެހޭ މައްސަލާގައި މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން މިނިސްޓރ ވިދާޅުވީ ދޮށީގެ މަސްވެރިކަމުގައި މިވަގުތު ކިޔުއެއް އެބަ އޮތް ކަމަށާއި، ނިމިދިޔަ އެއްވެސް ވެރިކަމެއްގައި ކިއު ނައްތާލުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ މިއީ ކިއުގައި ޖެހޭނެ ފަހު އަހަރު. އަޅުގަނޑުމެން ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭންގައި ނޫނީ މިހާރު މަސްވެރިކަމުގެ ސިނާއަތުން ކުރެވޭ މަސައްކަތްތަކުން އިރާދަކުރެއްވިއްޔާ މި ކިޔު އަޅުގަނޑުމެން ނައްތާލާނަން. ނައްތާލުމަށް ފަހު މަސްވެރިންނަށް އެއްވެސް އުނދަގުލަކާއި ނުލައި ކިތަންމެ މަސްވެރިކަން ރަނގަޅަސް އިރާދަކުރެއްވިއްޔާ ކިޔުގައި ނުޖެހި މަސްކިރޭނެ ހާލަތު ހަމަޖެހިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި މިފްކޯގެ ކެޕޭސިޓީ ހުރި ވަރުން އެ ކުންފުންޏަށް ދުވާލެއްގެ މައްޗަށް ގަނެވެނީ 420 ޓަނުގެ މަސް ކަމުގަ އެވެ. ނަމަވެސް މިދިޔަ ދެ އަހަރާ އަޅާބަލާއިރު މަސްވެރިކަން ވަރަށް ރަނގަޅުވެފައިވާ ކަމުގަ އެވެ. މިފްކޯގެ 420 ޓަނުގެ ކެޕޭސިޓީ ފުލްކޮށް، 450 ޓަނުގެ މަސް އެ ކުންފުންޏަށް ގަންނަން ޖެހޭ ދުވަސް ވެސް މިފަހުން އައިސްފައިވާކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ނިމުނު އެމްޑީޕީ ސަރުކާރުން މިފްކޯއަށް ގަނެފައި ހުރި ޖަޒީރާ ބޯޓުތަކުގެ އެފެޝިއެންސީ ވަރަށް ދަށް ކަމަށާއި، ގިނަ ބޯޓުތައް ހުރީ އޮޕަރޭޝަނުން ބޭރުގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!