ސަރުކާރުން ހުޅުމާލޭގައި ހަދަން ނިންމާފައިވާ ކަންނެލި ޕެކިން ފެސިލިޓީގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށައި، އަންނަ އަހަރުގެ މެދުތެރެއަށް ނިމޭނެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ، އެ ފެސިލިޓީއަށް ބޭނުންވާ ފައިސާ މިހާރު އިސްލާމިކް ޑެވެލޮޕްމަންޓް ބޭންކް، އައިއެސްޑީބީން ހަމަޖެހިފައިވާކަމަށެވެ. އަދި ކުރިއަށްއޮތް ދެ މަސްދުވަހުގެ ތެރޭގައި ފެސިލިޓީ ހަދާނެ ބަޔަކު ހޯދުމަށް އިއުލާންކުރައްވާނެކަމަށާއި، މި އަހަރުގެ މެދުތެރޭގައި ފެސިލިޓީގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.
"އަޅުގަނޑުމެން މި އަންދާޒާކުރަނީ މި އަހަރުގެ މެދުތެރޭގައި މަސައްކަތް ފެށިގެންދާނެކަމަށް. މިއީ އެހާ ބޮޑު ފެސިލިޓީއަކަށް ނުވާތީވެ އަޅުގަނޑުމެން މި އަންދާޒާކުރަނީ މި އަންނަ އަހަރުގެ މެދުތެރެއަށް މި މަސައްކަތް ނިންމާލެވޭނެކަމަށް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ މައިގަނޑު ކަންބޮޑުވަކީ އެސްޓީއޯ ރޭޓުގައި ތެޔޮ ލިބުމުގެ ދަތިތަކާއި ޕެކިން ފެސިލިޓީއެއް ނެތުން ކަމަށެވެ. އޭގެ ތެރެއިން ތެލުގެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.