ރަމަޟާން މަހުގެ ކުރިން އިނގުރައިދޫގައި ދީނީ ދަރުހެއް ބޭއްވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރިއަށްގެންގޮސްފައިވަނީ އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރ. އިނގުރައިދޫ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިއަދު ހެނދުނު އިސްލާމީކަންތައްތަކާބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސްބޭފުޅުންނާއި އިނގުރައިދޫ ކައުންސިލްގެ އިސްބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އިނގުރައިދޫ ކައުންސިލުން ވަނީ އެ ކައުންސިލަށް ދިމާވާ އެކި ދަތިތަކާއި ގުޅޭ މަޢުލޫމާތު ވަޒީރާއި ޙިއްސާކުރައްވާފައެވެ. މީގެ އިތުރުން ރަމަޟާން މަހުގެ ކުރިން އިނގުރައިދޫގައި ދީނީ ދަރުހެއް ކުރިއަށް ގެންދިއުމަށާއި، ޒުވާން ޚަޠީބުންގެ ޕްރޮގުރާމާއި ޤިރާއަތު ސެޓްފިކެޓް ލެވެލްގެ ކޯސްތައް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ވުޒާރާގެ ފަރާތުން އެކިކަންކަމުގައި ދެވޭނެ އެންމެ ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.