ޤަވާއިދާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފިއެވެ.
މި ބޯޓު އަތުލައިގެންފައިވަނީ މ.އަތޮޅުގެ އިރުން 37 ނޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ފެނިގެން ރިޕޯޓްކޮށްފައި ވަނީ އެސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސަރީ" އަދި ''އަސުރުމާ 02'' ނަމަކަށް ދޯނިތަކަށް ކަމަށެވެ. އެ މައްސަލަ ރިޕޯޓްކުރި ފަރާތްތަކަށާއި އަދި އެފަދަ ކަންކަމުގައި ދިވެހި މަސްވެރިން ދެއްވާ އެއްބާރުލުމާ އެހީތެރިކަން ފާހަގަކޮށް އެމްއެންޑީއެފް އިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ގަވާއިދާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެން ނަމަވެސް އަތުލައިގަތީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއް ކަމެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.