މަސްވެރިކަމާއި ގުޅޭ

ކޫއްޑޫ ޖެޓީގައި މަސްދޯންޏެއް ތެޔޮއަޅަން ކައިރިކޮށްފައި - ފޮޓޯ: މަސްވެރިން އެމްވީ
ކޫއްޑޫ ޖެޓީގައި މަސްދޯންޏެއް ތެޔޮއަޅަން ކައިރިކޮށްފައި - ފޮޓޯ: މަސްވެރިން އެމްވީ

މިފްކޯއަށްވުރެ ހެޔޮއަގުގައި ހޮރައިޒަން ފިޝަރީޒުން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި

މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ އަގަށް ވުރެ ހެޔޮއަގުގައި ހޮރައިޒަން ފިޝަރީޒުން މަސްވެރިންނަށް ޑީސަލް ވިއްކަން ފަށައިފިއެވެ.

ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މަސްވެރިންނަށް އެކުންފުނިން ޑީސަލް ލިޓަރެއް ވިއްކާނީ 7 ރުފިޔާ 10 ލާރި އަށް ކަމަށެވެ. މީގެކުރިން މަސްވެރިންނަށް ޑީސަލް ވިއްކަމުން ދިޔައީ ލީޓަރެއް 8 ރުފިޔާ 65 ލާރިއަށެވެ.

ހޮރައިޒަން ފިޝަރީޒްގެ އިއުލާން

މިފްކޯއިންވެސް ވަނީ 8 ރުފިޔާ 65 ލާރިއަށް މަސްވެރިންނަށް ވިއްކި ޑީސަލް ލިޓަރެއްގެ އަގު، 7 ރުފިޔާ 33 އަށް މީގެ ދެދުވަސް ކުރިން ދަށް ކޮށްފައެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަހި ހަކަތަ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ދޯނިފަހަރަށް މިފްކޯއިން ޑީސަލް ލިޓަރެއް ވިއްކާއަގު 7 ރުފިޔާ 10 ލާރިއަށް ވަނީ ދަށްކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ބައެއް މަސްދޯނިފަހަރުން ފަހި ހަކަތަ ޕްރޮގްރާމް އަދި ބޭނުމެއް ނުކުރެއެވެ. ހޮރައިޒަން ފިޝަރީޒުން ތެލުގެ އަގަށް ގެނައި ބަދަލާއެކު މިފްކޯއިން މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކާ އަގަށްވުރެ 23 ލާރި މިވަނީ އަގު ހެޔޮވެފައެވެ. މަސްދޯނިފަހަރަށް އެތަށް ހާސް ލިޓަރެއްގެ ތެޔޮ އަޅަމުންދާއިރު ލިޓަރަކުން އެންމެ ލާރިއެއްވެސް އަގުހެޔޮ ވުމަކީވެސް މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.

މިފްކޯގެ ނޫސް ބަޔާން

ތެލުގެ އަގަށް ގެނައި ބަދަލާއެކު މި ދެކުންފުނިންވެސް މަސްވެރިން ނޫން ފަރާތްތަކަށް ޑީސަލް ލިޓަރެއް ވިއްކާނީ 13 ރުފިޔާއަށެވެ.

ދިވެހިރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރަނީ އެސްޓީއޯއިންނެވެ. މިފްކޯ ހިންގަމުން އަންނަނީ އެސްޓީއޯގެ ދަށުންނެވެ. އެހެންކަމުން އެންމެ ހެޔޮ އަގުގައި މަސްވެރިންނަށް ޑީސަލް ވިއްކެންޖެހޭނީ މިފްކޯއަށްކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!