ބަރަކޫޑާއެއް ހަމަލާދިނުމުގެ ސަބަބުން ޒަހަމުވި ދިވެއްސަކަށް ފަރުވާދީފައިވާކަމަށް އިންޑިއާގެ ނޫހަކުން ބުނެފިއެވެ.
އިންޑިއާގެ ނޫހެއްގައިވާގޮތުން 32އ ދިވެހި ފިރިހަނަކަށް ބަރަކޫޑާއެއް ހަމަލާދިނުމުގެ ސަބަބުން އޭނާ ވަނީ ފަރުވާއަށް ރާއްޖެއިން އިންޑިއާއަށް ގެނެސްފައިކަމަށެވެ. އަދި އޭނާއަށް ފަރުވާދީފައިވަނީ އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގައި ކަމަށާއި، މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.
އެމީހާއަށް ބަރަކޫޑާ ހަމަލާދީފައިވަނީ ހުއިފި ލަނޑާ ނެގުމުގެ މަސައްކަތްކުރަމުންދަނިކޮށެވެ. އަދި ބަރަކޫޑާ ދަތް އަޅާފައިވަނީ މައިބަދައިގެ ތިރީގައާއި ފަހަތުން ކަރުގައި ކަމަށެވެ.
އެމީހާއަށް ފުރަތަމަ ފަރުވާދީފައިވަނީ ރާއްޖޭގައެވެ. އެހެންނަމަވެސް ހާލު ސީރިއަސްވުމުން ވަނީ އަވަހަށް އިންޑިއާއަށް ގެންގޮސްފައެވެ.
އަމްރީތާ ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލީ ނޫސްތަކުގައި ބުނެފައިވަނީ ބަރަކޫޑާ ދަތް އަޅާފައިވަނީ ވަރަށް ފުންކޮށް ކަމަށެވެ. އަދި އެމަހުގެ ދަތްތައްވެސް ހުރީ އެމީހާގެ މަސްގަނޑުގެތެރޭގައި ހަރުލާފައި ކަމަށާއި، މިއާ އެކު އޭނާގެ އަތާއި ފައި އައްސިވެފައިވާކަމަށެވެ.
ސާރޖަރީ ހެދުމަށްފަހު ޑޮކްޓަރުންވަނީ މަހުގެ ދަތުގެ 10 އެތިކޮޅު ނަގާފައެވެ. އަދި މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންކަމަށް ޑޮކްޓަރުންވަނީ ބުނެފައެވެ.