މަސްވެރިކަމާއި ގުޅޭ

484638170_1063388722483797_3469198232422220549_n

75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އަޅަން ހަވާލުކޮށްފި

މުޅިރާއްޖެއަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒުގެ ދަށުން 75 ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމަށް ތިން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.

ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ހިންގާ ބިޔަ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓި ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް ޢަލީ ޒުހައިރެވެ. މީގެއިތުރުން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙެވެ.

މިމަޝްރޫޢުގެ ދަށުން އެމްޓީސީސީން 15 ރަށެއްގައި، އާރްޑީސީއިން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ ޢިމާރާތް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގަިއ ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށާއި، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްްޤީކުރުމަށް ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުން ހިމެނެއެވެ. އަދި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤިކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މއަހަރަކީ ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ އަހަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ތަޞައްވުރުކުރައްވާފައިވާތީ އެނިންމުމާއެކު އެމަނިކުފާނުގެ ޚާއްސަ އިރުޝާދުގެ ދަށުން ފުލުހުންގެ މުއައްސަސާގެ ޢުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތުގެ ދަށުން 75 ޢިމާރާތް ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާކަމަށެވެ. މިމަޝްރޫޢުގެ ދަށުން 75 ޢިމާރާތް ތަރައްޤީކުރެވުމުން ރާއްޖޭގައި ޚިދުމަތް ނެތް ރަށްރަށުގެ ތެރެއިން ދެބައިކުޅަ އެއްބައި ރަށްރަށުގައި ޚިދުމަތް ޤާއިމުވެގެންދާނެކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މިދައުރު ފެށުނުއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފުލުހުންގެ ޚިދުމަތް ދެމުންދިޔައީ އެންމެ 17 ސްޓޭޝަނުގައިކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!