މަސްވެރިކަމާއި ގުޅޭ

Hanaunau bay on the big island

ހަވާއީގެ ފަރުތަކުގެ ދެބައިކުޅު އެއްބައި މަރުވަނީ!

ހަވާއީގެ ހުޅަގުން އޮންނަން ފަރުތަކާއި، ފަރުގެ ދިރުންތަކުގެ 45 އިންސައްތަ ހަލާކުވެ، ނެތިގެންދާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިކޮލޮޖިކަލް އެޕްލިކޭޝަންގައި ޕަބްލިޝްކޮށްފައިވާ މިދިރާސާ ރިޕޯޓު ދައްކާގޮތުން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ހަވާއީގެ ހުޅަނގުގައި އޮންނަ ފަރުތަކާއި އެފަރުތަކުގައިވާ ދިރުންތަކުގެ 45 އިންސައްތަ ވަނީ ނެތިދާން ފަށާފައެވެ. އަދި މުރަކައާއި، ފަރުތަކާއި، އޭގައިވާ ދިރުން ނެތިދާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ނަރުދަމާ ނިޒާމުގެ ހޮޅިތައް ކަނޑަށް ދޫކޮށްފައި ހުންނާތީ ކަނޑަށް ނަޖިސް އެޅުމުގެ ސަބަބުން ކަމަށެވެ. މީގެއިތުރުން ދަގަނޑު ޖަހައިގެން މަސްހިފުމާއި، އެކުއަރިއަމްތަކުގައި ވިއްކާ، ބެހެއްޓުމަށް މަހުގެ ބާވަތްތައް ނެގުމާއި، ދާ ޖަހައިގެން މަސްހިފުމަކީވެސް ފަރުތަކުގެ ދިރުން ނެތިދިއުމަށް މަގުފަހިވާ ކަމެއްކަމަށެވެ.

މިދިރާސާގައިވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ހަވާއީގެ ފަރުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް އަވަސްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ލަފާދީފައެވެ. އަދި މިކަން ނުކުރެވިއްޖެނަމަ އިޔާދަ ނުކުރޭވަރުގެ ގެއްލުމެއް ފަރުތަކަށާއި، އޭގައިވަ ދިރުންތަކަށް ލިބޭނެކަމުގެ އިންޒާރު މިދިރާސާ ރިޕޯޓުގައި ދީފައިވެއެވެ. އެހެންކަމުން ފަރުތައް ހިމާޔަތްކުރުމަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލާއިރު އޭގައި ހިމަނަންޖެހޭ ކަންކަން މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިދިރާސާ ހަދާފައިވަނީ 2008 ވަނަ އަހަރާއި 2018 އާއި ދޭތެރޭގައެވެ. އަދި މިދިރާސާގެ ދަށުން ފަރުތަކާއި، ފަރުގައިވާ ދިރުންތައް ދެމެހެއްޓުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި އާންމުން ގުޅިގެން ކުރެވޭނެ ކަންތައްތައް ފާހަގަކޮށްފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!