މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށްގެންދާ ބުރުނުބޮމަ ސްޕޯޓްސް ފިޝިން މުބާރާތުގައި ބައިވެރިވެފައިވާ 9 ޓީމް ތައާރަފް ކޮށްފިއެވެ.
ބުރުނުބޮމަ ސްޕޯޓްސް ފިޝިން މުބާރާތަކީ ސްޕޯޓްސް ފިޝިންއަށް ފަހި މަންޒިލެއްގެ ގޮތުގައި ރާއްޖެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބާއްވާ އިންޓަނޭޝަނަލް މުބާރާތެކެވެ. މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ ފަރާތްތަކުން ވާދަކުރާއިރު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިބަރު، ކަންނެލި އަދި ފިޔަލަ ފަދަ ބޮޑެތި ގޭމް ފިޝް ބާވަތްތަކަށް އަމާޒުކޮށްގެން ވާދަވެރި މަސްވެރިކަމެއް މި މުބާރާތުގައި ކުރިއަށް ގެންދާނެއެވެ.
މި މުބާރާތުގައި ސްޕޯޓްސް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ ކަނޑުގެ މާހައުލަށް ޝައުޤުވެރިކަން އިތުރުކޮށް ދެމެހެއްޓެނިވި މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވެގެންދާނެއެވެ. އޭގެ ހެޔޮބަދަލު ފަތުރުވެރިކަމަށް ލިބިގެންދާނެއެވެ.
މުބާރާތުގައި ވާދަކުރާ ޓީމްތައް ތައާރަފް ކޮށްފައި ވަނީ، އެކަމަށްޓަކައި ރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެއްގައެވެ. މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރޭގައި އާންމު ފަރުދުންގެ ގުރޫޕުތަކާއި ރިސޯޓްތަކުގެ ޓީމްތައް ހިމެބެއެވެ. ޓީމްތަކަކީ ސައިރެން އޮފް ދި ސީ، ސައިލެންޓް ހަންޓަރ، ޓީމް ދުބާއީ، އިފުރު މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ޝުރުނޯ، މަލަހިނި، ކެޕްޓަން ބޯޓު ކްލަބުގެ އިތުރުން ޑޭޝް މޯލްޑިވްސްއެވެ.
މިމުބާރާތުގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މަޝްހޫރު އިންޓަނެޓް ޕާސަނަލިޓީ، ފްލައި ނަވާރޯ އެވެ.
މިމުބާރަތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހާ ހަމައަށެވެ.