މިމަހުގެ 18ވަނަ ދުވަހު ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގާއި ގުޅޭގޮތުން ޒުވާނުންގެ ހުރި ކަންބޮޑުވުންތަކުގެ ނާޖައިޒު ފައިދާނަގައި، ސިޔާސީ ފަރާތްތަކުން ގައުމު ހަލަބޮލިކުރަން މަސައްކަތް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިހެން އިލްތިމާސްކުރެއްވީ މިއަދު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހި ގައުމުގެ ހަމަޖެހުމާއި އަމާންކަމާއި ކުރިއެރުމަށްޓަކައި ނިންމަވަން ޖެހުނު ކޮންމެ ނިންމެވުމެއްވެސް ނިންމަވާނެ ކަމަށާއި ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮތް މައްސަލައާ ގުޅިގެން ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތައް އަޑު އައްސަވާނެކަމަށާއި އެފަރާތްތަކުގެ ޝުއޫރުތައް އަޑު އެހުމަށް ތައްޔާރަށް ހުންނެވިކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ގައުމުގައި ހަމަޖެހުމާއި ހަލަބޮލިކަން އުފައްދަން ޖާގަ ނުދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކަންކަން އަޑު އެހުމަށް ފަހަތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ކަންކަމާއި ކުރިމަތިލައި ތަހުޒީބުކަމާއެކީ ޖަވާބުދާރީ ވާނެ ކަމަށާއި އަދި ކަންކަން ކުރާނީވެސް ތަހުޒީބުގެ މަގުން ކަމަށެވެ.
ރައީސް ވިދާޅުވީ ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅުކުރުމަށް އަންނަ ބައެއްގެ ކަންބޮޑުވުންތަކާއި އެ މީހުން ފާޅުކުރާ ޝުޢޫރުތަކަށް ފުރިހަމައަށް އިޖާބަދެއްވާނެ ކަމަށެވެ.