މަސްވެރިކަމާއި ގުޅޭ

ލައިލައި، އެލޭއެލޭ، ކައިކައި: ހުވަދޫ މަސްވެރިންގެ ފޯރިގަދަ ބަސްތައް

އެން އޮޑިއާ އެކު މާކަނޑަށް ނުކުތުމުން ހުރިހާ ފަޅުވެރިންވެސް އެންމެ އިސްކަންދޭނީ މަސްއައިނު ހޯދާށެވެ. ބައެއް ފަޅުވެރިން ދުރުމި އަޅާނެއެވެ. އަނެއްބައި ފަޅުވެރިން ދޯނީގެ ވަށައިގެން ކަނޑުހޯދަން ބަލަބަލާ ތިބޭނެއެވެ. މިއީ ޒަމާނުއްސުރެ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިކަން ކުރަމުން އައި ގޮތެވެ. މަސްއައިނެއް ފެނުމުން އެކަން އެހެން ފަޅުވެރިންނަށް އަންގާ ޖޯޝާއި ފޯރި ގެނައުމަށް ތަފާތު ބަސްތައް ބޭނުންކުރެއެވެ. މިއީ ހުވަދޫ އަތޮޅުގެ މަސްވެރިން ބޭނުންކުރާ ބަސްތަކެވެ.

އެންމެ ފުރަތަމަ މަސްއައިނުގެ ހަރަކާތެއް ނުވަތަ މަސް ފުމޭތަން ފެނުމުން، އެ މަންޒަރު ފެންނަ ފަޅުވެރިއަކު ލައިލައި ލައިލައި އޭ ގޮވާ ހަޅޭލަވައެވެ. އޭގެ މާނައަކީ އެއޮތް ފުމެއަރަނީ މަހެކެވެ. ނުވަތަ އެ ފެންނަނީ މަހުގެ ހަރަކާތެވެ. އެއާއެކު ހުރިހާ ފަޅުވެރިން އެދިމާލަށްބަލާ މަހުގެ ހަރަކާތެއް ފެނޭތޯ ބަލައެވެ. އަދި މަސް ފުމޭތަން ފެނުމުން އެންމެންއެކީ ލައިލައި ލައިލައި އޭ ގޮވަން ފަށައެވެ. އެހާހިސާބުން ހުރިހާ ފަޅުވެރިން ތައްޔާރުވެ އެންކެޔޮޅު ހުޝިޔާރުވެ އެންއުކަން ތައްޔާރުވެލައެވެ.

އާންމުކޮށް ކޮންމެ ދޯންޏަކުންވެސް މަސް ހޯދަން ކަނޑަށް ނުކުތުމަށްފަހު، ވަދު ކަންވާރެއް ދޫކުރައެވެ. އެ ކަންވާރުގައި ތައްޔާރުކޮށްފައިވާ ވަދުގައި ބުޅިއެއް ނުލައެވެ. ވަދު ކަންވާރުގެ ބޭނުމަކީ ދޯނި މަސްއައިނުގެ ތެރެއިން ދަތުރުކުރަމުން ދާއިރު، ވަދަށް މަސްއަރާނެތީ، ކަންވާރުގައި ހިފަހައްޓައިގެން ހުންނަ ފަޅުވެރިއާއަށް އެގުމެވެ. ވަދަށް މަސްއެރުމުން، ކަންވާރުގައި ހިފަހައްޓައިގެން ހުންނަ ފަޅުވެރިއާ އެލޭއެލޭ އެލޭއެލޭ އޭ ގޮވާ ބާރަށް ހަޅޭލަވައެވެ. އެ އަޑުގެ މާނައަކީ ވަދަށް މަސް އަރަނީއެވެ. ދޯނި އޮތީ މަސްއައިނުގެ ތެރޭގައެވެ. އެންކެޔޮޅު އަވަހަށް އެން އުކަންވީއެެވެ. މިހާރުގެ ދޯނި ފަހަރުތައް ބޮޑުވުމުން، ދޯނީގެ އެންމެ މަތީގައި ތިބޭ ފަޅުވެރިން އެލޭއެލޭ އޭ ގޮވުމުން، އެ އަޑުއިވޭ އެންމެން ދޯނީގެ އެކި ތަންތާގައި ތިބެގެން ބާރަށް ހަޅޭލަވައެވެ. އެލޭއެލޭ، މަސް ވަދަށް އަރަނީއޭ އަވަހަށް އެން އުކާށޭ ކިޔާ ގޮވައެވެ.

މަސް އައިނު ތެރެއަށް ދޯނި ވަނުމުން އެން ކެޔޮޅު އެން އުކަން ފައްޓައެވެ. އެންކެޔޮޅު އުކާ އެން ކަމުން ދުވާ މަހުގެ ހަރަކާތެއް ފެނޭތޯ ބެލުމަށް ހުރިހާ ފަޅުވެރިންތިބޭނީ ދޯނީގެ ކޮޅުފަސްކޮޅަށް ބަލަހައްޓައިގެންނެވެ. މަހުގެ ހަރަކާތް ފެންނައިރަށް ކައިކައި ކައިކައި އޭ ގޮވާ އެންމެން ހަޅޭލަވައެވެ. މާނައަކީ މަސްތައް އެންކަނީއެވެ. ދޯންޏާއި ދިމާލަށް އަންނަނީއެވެ. ދޮށިއަޅަން ދާންވީއެވެ. ދެން އެންމެން ތެޅިފޮޅިގަންނާނީ ކޮޅުފަސްކޮށްޅަށް ދިއުމަށެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!