މުވައްޒަފުންގެ މުސާރައާއި ބެހޭ ގޮތުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް - އެމްއޭސީއެލް

WhatsApp Image 2025-07-14 at 14.04.45

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ މި ކުންފުނީގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ފަތުރަމުން އަންނަ ހަގީގަތާއި ހިލާފު ވާހަކަތަކަށް އެކުންފުނިން ރައްދު ދީފިައެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި މި ކުންފުނީގެ މުވައްޒަފުން ރެޔާއިދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި މި ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ގަސްތުގައި ފަތުރަމުން އަންނަ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް އެކުންފުނިން ނެރިފައިވާ ބަޔާނުގައި ބުނެފައިވެއެވެ. މިގޮތުން މިފަދަ އެއްވެސް ކަމެއް ކުރުމުގެ މަޝްވަރާއެއް މި ކުންފުނިން ކޮށްފައި ނުވާ ކަމާއި އެފަދަ ބަދަލެއް ގެނައުމުގެ ވިސްނުމެއް އެ ކުންފުނިން ނުގެންގުޅޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެމްއޭސީއެލްއިން ބުނީ ކުރިއަށް އޮތްތަނުގައިވެސް އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުންއައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެ ކަމެވެ. އަދި ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުންކަމުގައިވާހިނދު، ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ މުއައްޒަފުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށެވެ. މީގެއިތުރުން މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރުކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް ވާހަކަތައް އާންމުކުރުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. ކުންފުނިން ގަބޫލުކުރާ ގޮތުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަން ވާނީ ކަންކަމުގެ ޙަގީގަތް ނުގެއްލޭ ގޮތަށް، ކަމުގެ ތެދު މަޢުލޫމާތާއެކުގައެވެ.

މި ބަޔާން ނިންމާލާފައި ވަނީ އެމް.އޭ.ސީ.އެލްގެ މުއައްޒަފުންގެ ފަރާތުން، ކުންފުންޏަށް ލިބެމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ނުހަނު އިޚްލާސްތެރިކަމާއެކު ކުންފުނީގެ އެންމެހައި މުވައްޒަފުންނަށް ޝުކުރު އަދާ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ